ޔަޢުޤޫބުގެފާނު ބައިތުއީލްއަށް އެނބުރި ވަޑައިގެންނެވުން
1މާތްﷲ ޔަޢުޤޫބުގެފާނަށް ވަޙީކުރެއްވިއެވެ. ”ބައިތުއީލްއަށް ގޮސް އެތަނުގައި ދިރިއުޅެން ފަށާ! އެއީ ތިބާގެ ބޭބެ ޢީސޫއަށް ތިބާއަށް ފިލަން ދުވިހިނދު އެތަނެއްގައި ތިބާގެ ކުރިމައްޗަށް ތިމަންކަލާނގެ ފާޅުވެގެންވިތަންމެ. އަދި ތިމަންކަލާނގެ ކިބަފުޅަށް ޤުރުބާން ކުރުމަށް ޚާއްސަ އައްޓެއް އެތަނުގައި ބިނާކުރޭ.“
2އެހެންވެ ޔަޢުޤޫބުގެފާނު އެކަލޭގެފާނު އާއިލާ އަށާއި އަދި އެކަލޭގެފާނާއި އެކުގައި ވީ އެންމެތަކުންނަށް މިފަދައިން އެންގެވިއެވެ. ”ތިޔަބައިމީހުންގެ އަތުގައިވާނަމަ ވާހައި ބުދުގެ ކަލާނގެތައް އެއްތަންކޮށް އެތަކެތި ނެތިކޮށްލާ. އަދި ތިޔަބައިމީހުން ތާހިރުވެ އަންނައުނު ބަދަލު ކުރުމަށް ފަހު މާތްﷲއަށް އަޅުކަން ކުރުމަށް ތައްޔާރުވޭ. 3މިތަން ދޫކޮށް އަހަރެމެން ބައިތުއީލްއަށް ދިއުމަށް އަވަސްވޭ. އެ އަވަށުގައި މާތްﷲގެ ކިބަފުޅަށް މުޤައްދަސް އައްޓެއް އަހަރެން ޢިމާރާތް ކުރަންޖެހޭ. އެކަލާނގެއީ އަހަރެން މުސީބާތުގައި ވީހިނދު އަހަރެންނަށް އެހީތެރިވެވޮޑިގެންނެވި ކަލާނގެ. އަދި އަހަރެން ކޮންމެތަނަކަށް ދިޔަނަމަވެސް އެތަނެއްގައި އެކަލާނގެ އަހަރެންނާއި އެކުގައި ވޮޑިގެންވޭމެ.“
4އެހެންވެ އެ އެންމެތަކުންގެ އަތުގައި ވީ ބުދުގެ ކަލާނގެތަކާއި އެމީހުންގެ ކަންފަތުގައި ލާފައިވާ އެންމެހާ ކަންފަތު މުދިތަކެއް ޔަޢުޤޫބުގެފާނަށް އެރުވިއެވެ. ދެން ޝަކީމްގެ އަވާށާއި ކައިރީގައި ވީ ބޮޑުގަހެއް ކަމުގައިވާ ކަށިބުރޮޅި ގަހުގެ ދަށުގައި އެތަކެތި އެކަލޭގެފާނު ވަޅުލެއްވިއެވެ. 5އެއަށް ފަހު ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ ދަރިންގެ އިތުރުން އެކަލޭގެފާނާއި އެކުގައި ވީ އެންމެތަކުން ބައިތުއީލްއަށް ދިއުމަށް އެރަށުން ފުރިއެވެ. އެބައިމީހުންގެ ދަތުރުގައި މާތްރަސްކަލާނގެ އެބައިމީހުންނަށް ރައްކާތެރިކަން ދެއްވިއެވެ. އެއާއެކު ކައިރީގައި ވީ ކަންޢާނުގެ އަވަށްތަކުގެ މީހުންގެ މައްޗަށް މާތްރަސްކަލާނގެ ބިރުވެރިކަން މެދުވެރިކުރެއްވިއެވެ. އެހެންކަމުން، އެއްވެސް ފަރާތަކުން އެބައިމީހުންނަށް ޙަމަލައެއް ނާދެއެވެ. 6އެންމެފަހުން ޔަޢުޤޫބުގެފާނާއި އެކަލޭގެފާނާއި އެކުގައި ވީ އެންމެތަކުން ދަތުރުކޮށް ކަންޢާނުގެ ބައިތުއީލްއަށް ވަޑައިގަތެވެ. އެވޭލާ ޒަމާނުގައި މީސްތަކުން މިތަނަށް ކިޔަމުން އައީ ލޫޒްގެ ނަމުންނެވެ. 7އެތަނުގައި މާތްﷲގެ ކިބަފުޅަށް ޤުރުބާން ހުށަހެޅުއްވުމަށް ޔަޢުޤޫބުގެފާނު މުޤައްދަސް އައްޓެއް ބިނާ ކުރެއްވިއެވެ. އަދި އެ މުޤައްދަސް ބިނާއަށް އީލް ބައިތުއީލްގެ ނަމުން އެކަލޭގެފާނު ނަންދެއްވިއެވެ. މިބަހުގެ މާނައީ ”ބައިތުއީލްގެ މާތްﷲ“ އެވެ. މިފަދައިން އެކަލޭގެފާނު ނަން ދެއްވުމުގެ ސަބަބަކީ ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބޭބޭފުޅަށް ފިއްލަވަން ދުވެވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ ކުރިފުޅު މައްޗަށް ފުރަތަމަ ފަހަރަށް މާތްރަސްކަލާނގެ ފައުޅުވެވަޑައިގެންނެވި ތަނަކީ އެތަން ކަމުގައި ވުމުންނެވެ.
8މިބައިމީހުން ބައިތުއީލްގެ ކައިރީގައި ދިރިއުޅެން ފެށިތާ ގިނަ ދުވަސްތަކެއް ނުވަނީސް ރިފްޤާގެ ދުވަސްވީ ޚާދިމާ ދަބޫރާ އެތަނުގައި ނިޔާވިއެވެ، އަދި ބައިތުއީލްގައި ހުރި ބިޔަ ގަހެއްގެ ދަށުގައި އެ ޚާދިމާ ވަޅުލިއެވެ. އެހެންވެ ކަރުނައިގެ ބޮޑުގަސް ކަމުގައި ބުނެ އެބައިމީހުން އެތަނަށް ނަން ދިނެވެ.
ޔަޢުޤޫބުގެފާނުގެ އާ ނަންފުޅު
9އެބައިމީހުން މިހިނދު ދިރިއުޅެމުން ދިޔައީ ބައިތުއީލްގައެވެ. އަނެއްފަހަރު މާތްﷲ ޔަޢުޤޫބުގެފާނަށް ފައުޅުވެ ވަޑައިގަންނަވައި އެކަލޭގެފާނަށް ބަރަކާތްލެއްވިއެވެ. 10މާތްﷲ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ”ތިބާގެ ނަމަކީ ޔަޢުޤޫބު ކަމުގައިވިޔަސް މިހިނދުން ފެށިގެން ތިބާގެ ނަމަކީ އިސްރާއީލު.“ މިގޮތުން މާތްރަސްކަލާނގެ އެކަލޭގެފާނަށް އިސްރާއީލުގެ ނަމުން ވަޙީ ކުރެއްވިއެވެ. 11އަދި މާތްﷲ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ”ތިމަންކަލާނގެއީ ކުޅަދުންވަންތަ ކަލާނގެ. ތިމަންކަލާނގެ ތިބާގެ ދަރިފަސްކުޅު ގިނަކުރައްވާނަން. އެ ދަރިފަސްކޮޅުން ބޮޑެތި ވެގެންވާ ޤައުމުތަކެއް އުފެދިގެންދާނެ. އަދި ތިބާގެ ދަރިފަސްކޮޅުން ގިނަގުނަ ރަސްކަލުން އުފަންވާނެވެސްމެ. ތިބާއަކީ އެ އެންމެތަކުންގެ ކާބަފައި ކަމުގައި ވެސް ވާނެމެ. 12ތިބާގެ ކާބަފައިކަލުން އިބްރާހީމްއަށާއި އިސްޙާޤުއަށް ތިމަންކަލާނގެ ދެއްވި ބިން ތިބާއާއި ތިބާގެ ދަރިފަސްކޮޅަށް ތިމަންކަލާނގެ ދެއްވާހުށީމު.“ 13މާތްﷲ ޔަޢުޤޫބުގެފާނަށް ބަސްވަޙީ ކުރެއްވުމަށް ފަހު އެތަނުން އެކަލާނގެ އެނބުރިވޮޑިގެންފިއެވެ.
14މާތްﷲ އެކަލޭގެފާނަށް ބަސްވަޙީ ކުރެއްވިތަން ފާހަގަ ކުރެއްވުމުގެ ގޮތުން އެތަނުގައި ހިލައިގެ ތަނބެއް ޔަޢުޤޫބުގެފާނު ޖެއްސެވިއެވެ. އެއަށް ފަހު މާތްﷲގެ ކިބަފުޅަށް ހުށަހެޅުއްވުމުގެ ގޮތުން އެ ހިލަ ތަނބުގެ މައްޗަށް މޭބިސްކަދުރުގެ ދިޔައާއި ޒައިތޫނިތެޔޮ އޮއްސެވިއެވެ. 15އެއަށް ފަހު ބައިތުއީލްގެ ނަމުން ޔަޢުޤޫބުގެފާނު އެތަނަށް ނަންދެއްވިއެވެ. އެއީ އެތަނެއްގައި މާތްﷲ އެކަލޭގެފާނަށް ފައުޅުވެ ވަޑައިގަންނަވައި އަދި އެކަލާނގެ ބަސްވަޙީ ކުރެއްވި ތަން ކަމުގައި ވާތީއެވެ.
16އޭގެ ދުވަސްކޮޅެއްގެ ފަހުން ޔަޢުޤޫބުގެފާނާއި އެކަލޭގެފާނާއި އެކުގައި ވީ މީސްތަކުން ބައިތުއީލް އިން ފުރައިގެން ދަތުރުކުރެއްވިއެވެ. އަދި އެބައިމީހުން އަފްރާތާ އާއި ދުރުގައިވަނިކޮށް ރާޙީލްއަށް ވިހެއުމުގެ ވޭންވަރު ދިމާވިއެވެ. 17ރާޙީލްއަށް ވިހެއުމުގެ ވޭންވަރު ގަދަވެ ނުހަނު އުނދަގުލާއި ކުރިމަތިލާން ޖެހުމަށް ފަހު ރާޙީލް ވިހެއެވެ. އެހިނދު ރާޙީލްގެ ފޫޅުމާމައަށް މިތަންފެނި މިފަދައިން ގޮވާލެވުނެވެ. ”ފިކުރު ނުކުރޭ ރާޙީލް. ތިބާއަށް އިތުރު ފިރިހެން ދަރިއަކު ލިބިއްޖެ!“ 18ރާޙީލް ވަނީ މަރުގެ ތުންފަތްމަތީގައެވެ. އެހެންވެ އެކަނބުލޭގެ އެ ދަރިފުޅަށް ބަންއޫނީގެ ނަމުން ނަންދިނެވެ. އެއަށް ފަހު އެކަނބުލޭގެ ނިޔާވިއެވެ. ނަމަވެސް ޔަޢުޤޫބުގެފާނު އެދަރިފުޅަށް ބަންޔާމީންގެ ނަމުން ނަން ދެއްވިއެވެ. 19އަދި އެބައިމީހުން އަފްރާތާއަށް ދިޔަ މަގުމަތީގައި ބައިތުލަޙަމުގެ ސަރަހައްދުގައި ރާޙީލް ވަޅުލިއެވެ. 20އަދި ރާޙީލްއަށް އިޙުތިރާމް ކުރުމުގެ ގޮތުން އެކަނބުލޭގެ މަހާނައިގައި ޔަޢުޤޫބުގެފާނު ހިލައެއް ޖެއްސެވިއެވެ. އެހިލަ މިއަދުވެސް އެތަނުގައި އެބަހުރިމެއެވެ.
21އެއަށް ފަހު އިސްރާއީލު (ޔަޢުޤޫބުގެފާނު) އެކަލޭގެފާނުގެ ދަތުރުފުޅުގައި ކުރިއަށް ވަޑައިގަންނަވައި ޢިދްރި ބުރުޒު ފަހަނައަޅައި ވަޑައިގެންނެވިއެވެ.
22މިތަނުގައި އިސްރާއީލުގެފާނު ފޭލިގެ ޖައްސަވައި ދިރިއުޅުއްވަމުން ގެންދެވި ދުވަސްތަކުގައި އެކަލޭގެފާނުގެ އެންމެ ދޮށީ ފިރިހެން ދަރިފުޅު ރައޫބައިން އެކަލޭގެފާނުގެ ޖާރިޔާއެއް ކަމުގައިވާ ބިލްހާ އާއިއެކުގައި ޖިންސީގުޅުން ހިންގި ޚަބަރު ޔަޢުޤޫބުގެފާނަށް ލިބިވަޑައިގަތެވެ.
ޔަޢުޤޫބުގެފާނަށް ލިބިވަޑައިގެންނެވި ބާރަ ފިރިހެން ދަރިން
ޔަޢުޤޫބުގެފާނަށް ލިބިވަޑައިގެންނެވީ ބާރަ ފިރިހެން ދަރިންނެވެ.
23-26ލައިއަތު އާއި ޔަޢުޤޫބުގެފާނަށް ހަ ފިރިހެން ދަރިން ލިބިފައިވިއެވެ. އެ ދަރިންގެ ތެރެއިން އެންމެ ދޮށީ ރައޫބައިންއެވެ. އެއަށް ފަހު ޝިމްޢޫން، ލާވީ، ޔަހޫޛާ، ޔައްސާކަރު އަދި ޒަބޫލޫން އެވެ. އަދި ލައިއަތުގެ ޖާރިޔާ ޒިލްފާ ކިބައިން ޔަޢުޤޫބުގެފާނަށް ދެ ފިރިހެން ދަރިން ލިބިފައިވިއެވެ. އެއީ ޖާދު އާއި އަޝީރު އެވެ.
ރާޙީލްއާއި ޔަޢުޤޫބުގެފާނަށް ދެ ފިރިހެން ދަރިން ލިބިފައި ވެއެވެ. އެއީ ޔޫސުފުގެފާނާއި ބަންޔާމީންއެވެ. އަދި ރާޙީލްގެ ޖާރިޔާ ބިލްހާގެ ކިބައިން ޔަޢުޤޫބުގެފާނަށް ދެ ފިރިހެން ދަރިން ލިބިފައިވިއެވެ. އެއީ ދާނު އާއި ނަފްތާލީ އެވެ.
މި ހުރިހާ ދަރިންމެ އުފަންވީ މެސޮޕޮތާމިޔާގައެވެ.
އިސްޙާޤުގެފާނު އަވަހާރަވުން
27އެންމެފަހުން ޔަޢުޤޫބުގެފާނު، އެކަލޭގެފާނު ބަފައިކަލުން އިސްޙާޤުގެފާނުގެ އަރިހަށް ވަޑައިގަތެވެ. އެހިނދު އިސްޙާޤުގެފާނު ދިރިއުޅުއްވަމުން ގެންދެވީ ޤަރްޔަތު އަރްބަޢު (މިހާރުގެ ނަމުން ޙަބްރޫނު) ގެ ކައިރީގައިވާ މަމްރާ ގައެވެ. މިތަނަކީ އިސްޙާޤުގެފާނާއި އެކަލޭގެފާނުގެ ބަފައިކަލުން އިބްރާހީމްގެފާނާއި ދެބަފައިކަލުން ބީރައްޓެހިންގެ ގޮތުގައި ދިރިއުޅުއްވި ރަށްވެސް މެއެވެ. 28-29އިސްޙާޤުގެފާނު މުސްކުޅިކަމުގެ ނިހާޔަތުގައި މިދުނިޔޭގައި އުޅުއްވުމަށް ފަހު އެކަލޭގެފާނު އަވަހާރަވީ އުމުރުފުޅުން ސަތޭކަ އަށްޑިހަ އަހަރުގައެވެ. އަދި އިސްޙާޤުގެފާނުގެ ދެދަރިކަލުން ކަމުގައިވާ ޢީސޫއާއި ޔަޢުޤޫބުގެފާނާއި ދެބޭކަލުން އެކަލޭގެފާނު ފަސްދާނު ލެއްވިއެވެ.