ސާރާ އަވަހާރަވުން
1‏-2ސަތޭކަ ހަތާވީސް އަހަރު ވަންދެން ސާރާ ދުނިޔޭގައި އިންނެވުމަށް ފަހު ޤަރްޔަތު އަރްބަޢު، (ކަންޢާނުގެ ރަށެއް ކަމުގައިވާ ޙަބްރޫނު) ގައި އެކަމަނާ އަވަހާރަވިއެވެ. ސާރާގެ އަވަހާރަވުމުން އިބްރާހީމްގެފާނަށް ފުން ހިތާމަތަކެއް ކުރިމަތިވެ ވަޑައިގަތެވެ. 3ދެން ސާރާގެ ގަބުރުފުޅު ކައިރިން އިބްރާހީމްގެފާނު ތެދުވެވަޑައިގެން އެރަށުގެ ބޮޑު ދޮރާށި ހުރި މައިދާނުގައި ޙިއްޘީންގެ ކަމުވޮށިވެގެންވާ ބޭކަލުންތަކާއި ބައްދަލު ކުރައްވައި ވިދާޅުވިއެވެ. 4”އަހަރެންނަކީ ތިޔަބައިމީހުންގެ ރަށުގައި ވަޒަންވެރިވެގެން އުޅޭ ބީރައްޓެއްސެއް. އަހަރެންގެ އަނބިމީހާ ފަސްދާނުލާނޭ ބިމެއް އަހަރެންގެ މިލްކިއްޔާތަކު ނެތް. އޭނާ ވަޅުލާނެ ބިންކޮޅެއް އަހަރެންނަށް ވިއްކާ.“ 5ޙިއްޘީންގެ ކަމުވޮށިވެގެންވާ ބޭކަލުން އިބްރާހީމްގެފާނަށް ޖަވާބުދެއްވިއެވެ. 6”ކަލޭގެފާނީ އަހަރެމެންގެ ތެރޭގައިވާ އަމީރެއްފަދަ މަތިވެރި ބޭކަލެއް. މި ރަށުގެ އެންމެ ރަނގަޅު ހިސާބެއް ބައްލަވައި ކަލޭގެފާނުގެ އަނބިކަނބަލުން ފަސްދާނު ލައްވާ. ހަމައެހެންމެ މި ރަށުގެ މީހުން ވަޅުލާ ކޮންމެ ތަނެއްގައި ކަލޭގެފާނުގެ އަނބިކަނބަލުން ފަސްދާނު ލެއްވުމުގެ ހުއްދަ ކަލޭގެފާނަށް ލިބިގެންވޭ. އަދި ކަލޭގެފާނުގެ އަނބިކަނބަލުން ފަސްދާނުލެއްވުން މަނާ ކުރާނޭ މީހަކު އަހަރެމެންގެ ތެރެއަކުން ނާންނާނެ.“ 7‏-8އިބްރާހީމްގެފާނު ތެދުވެ ވަޑައިގެން ޙިއްޘީންގެ ޤައުމުގެ މީހުންނަށް ކުރުނީސްކޮށް ސަލާމް ކުރައްވައި ވިދާޅުވިއެވެ. ”ތިޔަބައިމީހުން އަހަރެންގެ އަނބިމީހާ މިރަށުގައި ފަސްދާނު ލެއްވުމަށް އެދޭނަމަ އަހަރެންނަށްޓަކައި ޞޫޙަރުގެ ދަރި ޢިފްރޫން އާއި ވާހަކަ ދައްކައިދީ. 9އޭނާގެ ދަނޑުފަނގުގެ ނިމޭ ހިސާބުގައިވާ މަކްފީލަތު ހޮހަޅަ އަހަރެންނަށް ވިއްކާށޭ ބުނެދީ. އަހަރެން އޭނާއަށް އެތަނުގެ ފުރިހަމަ އަގު އަދާކުރާނަށް. އަދި ތިޔަބައިމީހުން ހެކިކޮށް އަހަރެން އެތަން ގަތުމަށް ބޭނުންވަނީ ގަބުރުސްތާނެއް ހެދުމަށް.“ 10މައިދާނުގައި އެއްވެ ތިބި ޙިއްޘީންގެ ތެރޭގައި ޢިފްރޫން ވެސް ހުއްޓެވެ. އޭނާ އެންމެންނަށް އިވޭނޭހެން އިބްރާހީމްގެފާނަށް ޖަވާބު ދެއްވިއެވެ. 11”ނޫން. ސާހިބާ. މިތަނުގައި މިތިބި އެންމެތަކުން ހެކިކޮށް މުޅި އެ ދަނޑުފަނގުގެ އިތުރުން ހޮހަޅަ ވެސް ކަލޭގެފާނަށް އަޅުގަނޑު ވެދުންކޮށްފިން. ކަލޭގެފާނުގެ އަނބިކަނބަލުން އެތަނުގައި ފަސްދާނު ލައްވާ.“ 12‏-13ދެވަނަ ފަހަރަށް ޙިއްޘީންނަށް އިބްރާހީމްގެފާނު ކުރުނީސް ކުރައްވާ އެކަލޭގެފާނު ޢިފްރޫންއަށް ވިދާޅުވިއެވެ. ”މިތަނުގައި މިތިބަ އެންމެތަކުން ހެކިކޮށް ބުނަން. އެބިމުގެ ޖުމުލަ އަގު އަހަރެންގެ ފަރާތުން ބަލައިގަނޭ. އެއަށް ފަހު އަހަރެންގެ އަންހެނުންގެ ގަބުރު އެތަނުގައި ވަޅުލާނަން. އަދި އަހަރެންގެ މިހުށަހެޅުމަށް އިހުތިރާމްކޮށް އެ ފައިސާ ބަލައިގަނޭ. އަހަރެންނަށް އެތަން ވިއްކާ. އެތަނުގެ ފުރިހަމަ އަގު ގަބޫލުކުރޭ.“ 14ޢިފްރޫން އިބްރާހީމްގެފާނަށް ޖަވާބު ދެއްވިއެވެ. 15”ސާހިބާ. އެބިމުގެ އަގަކީ ހަތަރުސަތޭކަ ރިހި ލާރިފޮތި. މިފަދަ ކުޑަ އަގަކީ އަޅުގަނޑުމެން ފަދަ ގާތް ދެ ރަޙުމަތްތެރިންނަށް ކޮން އެއްޗެއް؟ އެ ބިމަކީ ކަލޭގެފާނުގެ ބިމެއް. އެތަނުގައި ކަލޭގެފާނުގެ އަނބިކަނބަލުން ފަސްދާނު ލައްވާ.“ 16މައިދާނުގައި އެއްވެ ތިބި ޙިއްޘީން ހެކި ކުރައްވައި އިބްރާހީމްގެފާނު ބިމުގެ އަގަށް ވާ ހަތަރުސަތޭކަ ރިހި ލާރިފޮތި ޢިފްރޫންއަށް ދެއްވައި އެ ބިމުގެ އަގު އަދާ ކުރެއްވިއެވެ. އަދި އާދަވެގެން ވިޔަފާރިވެރިން ކަންތައް ކުރާ އުސޫލުން އެ ހަތަރުސަތޭކަ ރިހި ލާރިފޮތި މިނެކިރިއެވެ.
17‏-18އެގޮތުގެ މަތިން، މައިދާނުގައި އެއްވެ ތިބި ޙިއްޘީން ހެކި ކުރައްވައި ޢިފްރޫންގެ މިލްކިއްޔާތުގައި ހިމެނިގެންވީ ޙަބްރޫންގެ އިރުމަތީ ފަރާތުގައިވާ ގަސްތަކާއި ދަނޑުފަނގުތަކުގެ އިތުރުން މަކްފީލަތު ހޮހަޅަ އިބްރާހީމްގެފާނު ބައްލަވައި ގެންނެވިއެވެ.
19ދެން އިބްރާހީމްގެފާނު އެކަލޭގެފާނުގެ އަނބިކަބަލުން ސާރާ ކަންޢާނުގެ އެހޮހަޅައިގައި ފަސްދާނު ލެއްވިއެވެ. 20އެގޮތުން ޙިއްޘީންގެ އަތުން މަކްފީލަތު ހޮހަޅަ އިބްރާހީމްގެފާނު ބައްލަވައި ގެންނެވުމަށް ފަހު ގަބުރުސްތާނެއްގެ ގޮތުގައި އެތަން ހެއްދެވިއެވެ.