30
ރާޙީލް އާއި ލައިއަތު އާއި ދެމެދުގައި މައްސަލަ ޖެހުން
1ރާޙީލްގެ ފުށުން ޔަޢުޤޫބުގެފާނަށް ދަރިއަކު ލިބިފައި ނުވާތީވެ، އެކަނބުލޭގެ ދައްތަ ލައިއަތު ދެކެ ޙަސަދަވެރި ވިއެވެ. އަދި އެކަނބުލޭގެ ޔަޢުޤޫބުގެފާނަށް މިފަދައިން ދެންނެވިއެވެ. ”އަހަރެންނަށް ދަރިކަލަކު ދެއްވާ. އެހެންނޫނީ އަހަރެން މަރުވެދާނަން!“
2ނަމަވެސް ޔަޢުޤޫބުގެފާނު ކޯފާވެވަޑައިގެން ހުންނަވާ މިފަދައިން ޖަވާބު ދެއްވިއެވެ. ”އަހަރެންނީ މާތްﷲތަ؟ ކަނބުލޭގެއަށް ދަރިއަކު ލިބިދިނުމުން މަޙުރޫމް ކުރައްވާފައި ވަނީ އެކަލާނގެ!“
3ދެން ރާޙީލް ޔަޢުޤޫބުގެފާނަށް ދެންނެވިއެވެ. ”އަހަރެންގެ ޚާދިމާ ބިލްހާ އާއި އެކުގައި އެއްދާންކުރައްވާ. އަދި އެކަނބުލޭގެ ފުށުން އަހަރެންނަށް ދަރިއަކު ދެއްވާ. އޭރުން އެކަނބުލޭގެ މެދުވެރިކޮށް އަހަރެންނަށް އަމިއްލަ އާއިލާއެއް ލިބިދާނެ.“
4އެހެންވެ ރާޙީލް އެކަނބުލޭގެ ޚާދިމާ ބިލްހާ ޔަޢުޤޫބުގެފާނަށް އެކަލޭގެފާނުގެ އަނތްބެއްގެ ގޮތުގައި ދެއްވިއެވެ. އަދި ޔަޢުޤޫބުގެފާނު ބިލްހާ އާއި އެކުގައި އެއްދާންކުރެއްވިއެވެ. 5ބިލްހާ ޔަޢުޤޫބުގެފާނަށް ބަލިވެއިނދެ ފިރިހެން ދަރިއަކު ވިހައިފިއެވެ. 6އެ ދަރިފުޅުގެ ނަމަކަށް ދާނުއޭ ކިޔައި ރާޙީލް ނަންދިނެވެ. މި ނަމުގެ ސަބަބެއް ކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”އަހަރެންގެ މަޢުސޫމު ކަމުގެ މައްޗަށް މާތްﷲ އިންސާފުވަންތަވެ ވޮޑިގަންނަވައިފި! އަހަރެންގެ ދުޢާ އެކަލާނގެ އައްސަވާ ވޮޑިގަންނަވައި އަހަރެންނަށް ދަރިއަކު ދެއްވައިފި.“ 7އެއަށް ފަހު ބިލްހާ ބަލިވެއިނދެ ޔަޢުޤޫބުގެފާނަށް ދެވަނަފަހަރަށް ފިރިހެންދަރިއަކު ވިހެއެވެ. 8ނަފްތާލީގެ ނަމުން މިދަރިއަށް ރާޙީލް ނަންދިނެވެ. މި ނަމުގެ ސަބަބެއްކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”އަހަރެންގެ ދައްތަގެ މައްޗަށް ގަދަވެގަތުމަށް އަހަރެން ގަދައަޅައި ކުރި މަސައްކަތް މިއަދު އަހަރެންނަށް ކާމިޔާބު ކުރެވިއްޖެ!“
9އެހިނދު ލައިއަތުއަށް އެކަނބުލޭގެއަށް އިތުރަށް ދަރިން ނުލިބޭނޭކަން އެނގުނެވެ. އެހެންވީމާ، އެކަނބުލޭގެ ޚާދިމާ ޒިލްފާ ޔަޢުޤޫބުގެފާނުގެ އަނތްބެއްގެ ގޮތުގައި ދެއްވިއެވެ. 10ގިނަ މުއްދަތެއް ނުނަގާ ޒިލްފާއަށް ފިރިހެން ދަރިއަކު ލިބުނެވެ. 11އެ ދަރިފުޅުގެ ނަމަކަށް ޖާދު އޭ ކިޔައި ލައިއަތު ނަން ދިނެވެ. މި ނަމުގެ ސަބަބެއްކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”އަހަރެންގެ ނަސީބު ކިހާ ރަނގަޅު!“ 12އޭގެ ފަހުން ޒިލްފާއަށް ދެވަނަ ފިރިހެންދަރި ލިބުނެވެ. 13އަދި މިދަރިފުޅަށް އަޝީރު ގެ ނަމުން ނަންދިނެވެ. މި ނަމުގެ ސަބަބެއް ކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”މިހާރު އަހަރެންނަކީ ކިހާ އުފާވެރި މީހެއް! އަހަރެންނަކީ އުފާވެރި އަންހެނެއް ކަމުގައި އެންމެހާ އަންހެނުން ބުނާނެކަން ޔަޤީން!“
14ގޮދަން ކެނޑުމުގެ ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި ގޮދަން ދަނޑުގެ ތެރެއިން ލުއްފާޙު ގަސްތަކެއް ހެދިފައިވާތަން ރައޫބައިންއަށް ފެނުނެވެ. އަދި އެގަހުގެ މޫތަކެއް އޭނާގެ މަންމަ ލައިއަތުއަށް ގެނެސް ދިނެވެ. ރާޙީލް އާދޭސް ކުރާ ބީދައިން ރައޫބައިން ގެނެސްދިން އެގަހުގެ މޫތަކުން މޫކޮޅެއް ދިނުމަށް ލައިއަތުއަށް އެދުނެވެ. 15ނަމަވެސް ލައިއަތު ރުޅިވެރި ކަމާއެކު ރައްދު ދިނެވެ. ”އަހަރެންގެ ފިރިކަލުން ޖަހައިގަނެވުނީމާ އެވަރުންވެސް ނުފުދޭތަ؟ މިހާރު ތިޔަ އުޅެނީ އަހަރެންގެ ދަރިފުޅު ގެނެސްދިން ލުއްފާޙު ގަހުގެ މި މޫކޮޅު ވެސް އަތުލައިގަންނަންތަ؟“
ރާޙީލް މިފަދައިން ޖަވާބު ދިނެވެ. ”އެންމެ ރަނގަޅު. އަހަރެންނަށް ލުއްފާޙު ގަހުގެ މޫކޮޅެއް ކަނބުލޭގެ ދީފިނަމަ މިރޭ ޔަޢުޤޫބުގެފާނާއި އެކުގައި ކަނބުލޭގެއަށް އެއްދާން ކުރިޔަ ދޭނަން.“
16އެދުވަހުގެ އިރު އޮއްސެމުން އައި ވަގުތު ޔަޢުޤޫބުގެފާނު ދަނޑުން އެނބުރި ގެއަށް ވަޑައިގެންނެވި ހިނދު ލައިއަތު އެކަލޭގެފާނާއި ބޭރުން ބައްދަލު ކުރައްވާ މިފަދައިން ދެންނެވިއެވެ. ”މިރޭ ކަލޭގެފާނު އެއްދާން ކުރައްވަން ޖެހޭނީ އަހަރެންނާއި އެކުގައި! އެއީ އަހަރެންގެ ދަރިފުޅަށް ފެނުނު ލުއްފާޙު ގަހުގެ މުލުން އެކަމުގެ އަގު އަދާކޮށްފައިވާތީ.“ އެހެންވެ ޔަޢުޤޫބުގެފާނު އެކަނބުލޭގެ އާއި އެކުގައި އެރޭ އެއްދާން ކުރެއްވިއެވެ. 17އަދި މާތްﷲ ލައިއަތުގެ ދުޢާ އައްސަވާވޮޑިގަންނާވައި އިޖާބަކުރެއްވިއެވެ. އެއަށް ފަހު އެކަނބުލޭގެ ބަލިވެއިނދެ ފަސްވަނަ ފިރިހެން ދަރިފުޅު ވިހެއެވެ. 18އަދި އެދަރިފުޅަށް ޔައްސާކަރުގެ ނަމުން ނަންދިނެވެ. މި ނަމުގެ ސަބަބެއް ކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”އަހަރެންގެ އަޅު އަންހެންނޯކަރު އަހަރެންގެ ފިރިކަލުންނަށް އަނތްބެއްގެ ގޮތުގައި ދީގެން އަހަރެން އަދާކުރި އަގު މާތްﷲ އަހަރެންނަށް ދެއްވައިފި.“ 19އެއަށް ފަހު ލައިއަތު ބަލިވެއިނދެ ހަވަނަ ފިރިހެން ދަރިފުޅު ވިހެއެވެ. 20އެ ދަރިފުޅަށް ޒަބޫލޫންގެ ނަމުން އެކަނބުލޭގެ ނަންދިނެވެ. އަދި މި ނަމުގެ ސަބަބެއްކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެ. ”އަހަރެންގެ ފިރިކަލުންނަށް މާތްﷲ އަހަރެންގެ ފުށުން ހެޔޮ ހަދިޔާއެއް ދެއްވައިފި. މިހާރު އެކަލޭގެފާނު އަހަރެންނަށް އިޙުތިރާމު ކުރާނެ. އަހަރެންގެ ފުށުން އެކަލޭގެފާނަށް ހަ ފިރިހެން ދަރިން ލިބިދެއްވައިފި.“ 21އޭގެ ފަހުން ވެސް ލައިއަތު އަންހެން ދަރިއަކު ވިހެއެވެ. އަދި އެދަރިފުޅަށް ދީނާ ގެ ނަމުން އެކަނބުލޭގެ ނަންދިނެވެ.
22އެންމެފަހުން މާތްﷲ ރާޙީލްގެ ގެ ޙާލާމެދު ބައްލަވާ ވޮޑިގެންނަވައިފިއެވެ. އަދި އެކަނބުލޭގެ ކުރި ދުޢާތައް އިޖާބަކުރައްވައި އޭނާއަށް ވެސް ދަރިން ދެއްވިއެވެ. 23އެކަނބުލޭގެ ބަލިވެއިނދެ ދަރިއަކު ވިހެއެވެ. އެހިނދު އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”އަހަރެންގެ ލަދުވެތިކަން މާތްﷲ ފިއްލަވައި ދެއްވައިފި. 24އަހަރެން މިދަރިފުޅަށް ނަން ދޭނީ ޔޫސުފުގެ ނަމުން. އަދި މާތްރަސްކަލާނގެ އިތުރު ދަރިއަކު އަހަރެންނަށް ދެއްވާށި.“
ޔަޢުޤޫބުގެފާނުގެ މުއްސަނދިކަން
25ޔޫސުފުގެފާނު އުފަންވެ ވަޑައިގަތުމާއި އެކުގައިހެން ޔަޢުޤޫބުގެފާނު ލަބާންއަށް ދެންނެވިއެވެ. ”ތިބާ އާއި އަހަރެންނާއި ދެމެދު ވެވިފައިވާ އެއްބަސްވުމުން އަހަރެން މިނިވަންކޮށްދީ. އަހަރެންގެ ޤައުމަށް ފޮނުވައި ދިނުމަށް އެދެން. 26އަހަރެންނާއެކު އަހަރެންގެ އަނބިދަރިން ވެސް ގެންދިއުމަށް އެދެމު. އެބައިމީހުން އަހަރެންނަށް ޙައްޤު ވާވަރަށް އަހަރެންގެ މަސައްކަތުންވާނީ އަގު އަދާ ކޮށްދީފައި. އަހަރެންގެ މަގުގައި ކުރިޔަށް ދާން ބޭނުންވޭ. އަހަރެން ތިބާއަށް ޚިދުމަތް ކޮށްދިނީ ވަރަށް ބުރަކޮށްކަން ވެސް ތިބާ ދަންނާނެ.“
27އެހެނަސް ލަބާން ޔަޢުޤޫބުގެފާނަށް ދެންނެވިއެވެ. ”އަހަރެން ދޫކޮށްފައި ނުދޭ. މާތްރަސްކަލާނގެ އަހަރެންގެ މައްޗަށް ބަރަކާތް ލެއްވީ ތިބާ މިތަނުގައި ވުމުންކަން އަހަރެންގެ ފާލުން އެނގިއްޖެ. 28ތިބާ އެދޭ އުޖޫރައެއް ބުނޭ. ކޮންމެ އެއްޗެއް ވިއަސް އަހަރެން އަދާކުރާނަން.“
29ޔަޢުޤޫބުގެފާނު ޖަވާބުގައި ދެންނެވިއެވެ. ”ފާއިތުވެދިޔަ ގިނަ އަހަރުތަކުގައި އަހަރެން ތިބާއަށް ޚިދުމަތް ކޮށްދިން ތެދުވެރިގޮތާއި އަދި ތިބާގެ ކަންބަޅި ބަކަރިތަކުގެ އަދަދު އިތުރުވެގެން ދިޔަ މިންވަރު ތިބާއަށް އެނގޭނެ. 30އަހަރެން އައުމުގެ ކުރިން ހަމަ ޔަޤީންވެސް ތިބާއަށް ލިބިފައިވީ ވަރަށް މަދު އެއްޗެއް. ނަމަވެސް މިހާރު ތިބާގެ މުއްސަނދިކަން ވަނީ އެތައް ގުނައަކަށް އިތުރުވެފަ. އަދި އަހަރެންނަށް ކުރެވުނު އެންމެހާ މަސައްކަތެއްގައި މާތްރަސްކަލާނގެ ތިބާއަށް ބަރަކާތް ލައްވައިފި! ނަމަވެސް އަހަރެންގެ އަމިއްލަ އާއިލާއަށް ޚިދުމަތް ކުރުމުގެ ކުޅަދާނަކަމެއް އަހަރެންނަށް ލިބޭނީ ކޮން އިރަކުން؟“
31ލަބާން އިތުރަށް ދެންނެވިއެވެ. ”އަހަރެން އުޖޫރައެއްގެ ގޮތުން ތިބާއަށް ދޭންވީ ކިހާވަރެއް؟“ ޔަޢުޤޫބުގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”އަހަރެން އެއްވެސް އުޖޫރައެއް ބޭނުމެއް ނޫން. އަހަރެން މި އެދޭ ގޮތަށް ތިބާ އެއްބަސްވާނަމަ ތިބާގެ ކަންބަޅި ބަކަރިތައް ބެލެހެއްޓުމާއިގެން އަހަރެން ކުރިއަށް ދާނަން. 32މިއަދު އަހަރެން ގޮސް ތިބާގެ އެންމެހާ ކަންބަޅި ބަކަރިތަކުގެ ތެރެއިން ލަފެއް ނޫނީ ތިއްކެއް ޖެހިފައިވާ ކޮންމެ ކަންބަޅިއަކާއި އަދި ބަކަރިއެއް ވަކިކުރާނަން. އަދި އެންމެހާ ކަޅު ކަންބަޅިއެއް ނަގާނަން. އެ ތަކެތި އަހަރެންގެ އުޖޫރައިގެ ގޮތުގައި އަހަރެންނަށްދީ. 33ކުރިމަގުގައި އަހަރެންގެ ތެދުވެރިކަން ތިބާއަށް މިގޮތުން ދެނެގަތުން ފަސޭހަވާނެ. ތިބާ ގޮސް ބަލާއިރު އޭގެ ތެރޭގައި ލަކެއް ތިއްކެއް ނެތް ހުދު އެއްޗެއް ހުރެއްޖެނަމަ އެއީ އަހަރެން ވަގަށްނެގި ތަކެތި ކަމަށް ބަލާ.“
34ލަބާން ރައްދުގައި ދެންނެވިއެވެ. ”ތިޔަ ގޮތާއި އަހަރެން އެއްބަސްވަމު! ތިބާ ތިޔަ ބުނިފަދައިން އަމަލުކުރޭ.“ 35އެކަމަކު އެދުވަހުގެ އިރު އޮއްސުމުގެ ކުރިން ލަބާން އޭނާގެ ގިތެޔޮ (ބަކަރީގެ ފިރިހެން ޖިންސު) ތަކުގެ ތެރެއިން ލައްހުރި ތަކެއްޗާއި އަދި ރޮނގު ދެމިފައި ހުރި ތަކެއްޗާއި ބަކަރިތަކުގެ ތެރެއިން (ބަކަރީގެ އަންހެން ޖިންސު) ތިކިޖެހިފައިވާ ނޫނީ ހުދުކުލައިގެ ނިޝާނެއް ހުރި ކޮންމެ ބަކަރިއަކާއި އަދި ކަޅު ކުލައިގައި ވީ އެންމެހާ ކަންބަޅިއެއް ވަކިކުރިއެވެ. އެއަށް ފަހު އޭނާގެ ފިރިހެން ދަރިން ގެނެސް އެތަކެތި ބެލެހެއްޓުމަށް ހަވާލު ކުރިއެވެ. 36ދެން އެ ހުރިހާ ޖަނަވާރުތަކާއިގެން ޔަޢުޤޫބުގެފާނާ ދުރަށް ތިން ދުވަހުގެ ދަތުރެއްގެ ދުރުމިނުގައިވާ ތަނަކަށް އެތަކެތި ގެންދިޔައެވެ. އެހިނދު ލަބާން އޭނާ އާއިއެކުގައި ނުގެންގޮސް ހުރި ކަންބަޅި ބަކަރިތައް ބެލެހެއްޓުމަށް ޔަޢުޤޫބުގެފާނު ހުންނެވިއެވެ.
37ޔަޢުޤޫބުގެފާނު ޕޮޕްލާ ގަހުންނާއި، ނާށިގަނޑުބަދަން ގަހުންނާއި އަދި ޕްލޭން ގަހުން އޮފިތަކެއް ކެނޑުއްވިއެވެ. އަދި އެ އޮފިތަކުގައި ހުދު ރޮނގު ހުންނާނެހެން ތޮށިތައް ދިގަށް ނޮޅިއެވެ. 38އެއަށް ފަހު މި ކަންބަޅި ބަކަރިތައް ފެން ބުއިމަށް އައިސް ފެންގުރާބު ކުރިމަތީގައި ތިބެ ޖިންސީގުޅުން ހިންގާއިރު މި އޮފިތައް އެ އެއްޗެއްސަށް ފެންނަން ފަށުގައި އަތުރާފައި ބެހެއްޓިއެވެ. 39ހުދު ކުލައިގެ ރޮނގު ދިގަށް ހުރި އޮފިތަކުގެ ކުރިމަތީގައި ބަކަރިތައް ޖިންސީގުޅުން ހިންގުމުން އެތަކެތި ވިހޭ ހުރިހާ ޅަ އެއްޗެހީގެ ގައިގައި ދިގަށް ރޮނގުދެމި، ލައްޖަހައި އަދި ތިކި ޖެހިފައި ހުއްޓެވެ.
40ޔަޢުޤޫބުގެފާނު އެބަކަރިތަކާއި ކަންބަޅިތައް ވަކި ކުރައްވައި އެއެއްޗެހިތައް ލަބާންގެ ޖަނަވާރުތަކާ ދިމާއަށް މޫނުލައިގެން ތިބޭގޮތަށް ބައިތިއްބިއެވެ. މިހެން ހެދުމުން އެކަލޭގެފާނުގެ ޖަނަވާރުތައް ލަބާންގެ ޖަނަވާރުތަކަށް ވުރެން އިތުރުވާނެ ގޮތް މެދުވެރިވިއެވެ. 41އަދި އެ ޖަނަވާރުތަކުގެ ތެރެއިން ބާރުގަދަ ކަންބަޅިތައް ފެންގުރާބު ކުރިމަތީގައި ޖިންސީގުޅުން ހިންގާއިރު، ދިގަށް ތޮށި ނޮޅާފައިވާ އޮފިތައް ހުންނަނީ އެ އެއްޗެއްސަށް ފެންނަގޮތަށް ބިމަށް ޖަހާފައެވެ. 42އެކަމަކު އެ އެއްޗެހިތަކުގެ ތެރެއިން ބަލިކަށި އެއްޗެހި ޖިންސީގުޅުން ހިންގިއިރު ޔަޢުޤޫބުގެފާނު އެ އޮފިތަކެއް ނުބަހައްޓަވައެވެ. މިހެން ހެދުމުން އެ އެއްޗެހީގެ ތެރެއިން ބަލިކަށި އެއްޗެއްސަކީ ލަބާންގެ އެއްޗެހި ކަމުގައި އަދި ވަރުގަދަ ތަކެއްޗަކީ ޔަޢުޤޫބުގެފާނުގެ ތަކެތި ކަމުގައި ވިއެވެ. 43މިކަމުގެ ނަތީޖާއެއްގެ ގޮތުން ޔަޢުޤޫބުގެފާނުގެ ކަންބަޅި ބަކަރިތައް އަވަސްކަމާއެކު އިތުރުވެގެން ދިޔައެވެ. އަދި އެކަލޭގެފާނަށް ނުހަނު މުއްސަނދިކަން ލިބިވަޑައިގަތެވެ. އެކަލޭގެފާނަށް އެތަކެއް ކަންބަޅި ބަކަރިއާއި، އަޅުންނާއި، ޖަމަލާއި، ހިމާރު ލިބިވަޑައިގެންނެވިއެވެ.
Notes
*30:6
30:6 ޢިބްރާނީ ބަހުން ”ދާނު“ މިބަސް މާނަކުރަނީ ”ރުހޭ ގޮތަށް އިންސާފުކުރުން“ މިގޮތަށެވެ.
†30:8
30:8 ޢިބްރާނީ ބަހުން ”ނަފްތާލީ“ މިބަސް އަޑުއިވެނީ ”ގަދައަޅައި މަސައްކަތް ކުރުން“ މިކަހަލަ ގޮތަކަށެވެ.
‡30:11
30:11 ޢިބްރާނީ ބަހުން ”ޖާދު“ އަޑުއިވެނީ ”ހެޔޮނަސީބު“ މިކަހަލަ ގޮތަށެވެ.
§30:13
30:13 ޢިބްރާނީ ބަހުން ”އަޝޭރު“ މިބަސްމާނަކުރަނީ ”އުފާވެރިކަން“ މިގޮތަށެވެ.
*30:14
30:14 ލުއްފާޙު ނުވަތަ މެންޑްރޭކްސްއަށް ލޯބީގެ މަލޭވެސް ކިޔައެވެ. އަދި މިގަހުގެ މޫ ބޭނުންކުރުމުން ޖިންސީ އެދުންވެރިކަން ވަރުގަދަކޮށްދީ ދަރިމައިވާނޭ ކަމުގެ ޚުރާފާތްތަކުގެ ވާހަކަ މީހުން ދައްކައި އުޅެއެވެ.
†30:18
30:18 ޢިބްރާނީ ބަހުން ”ޔައްސާކަރު“ މިބަސް އަޑުއިވެނީ ”ރަނގަޅު ޖަޒާ“ ގެ ގޮތުގައެވެ.
‡30:20
30:20 ޢިބްރާނީ ބަހުން ”ޒަބޫލޫން“ މިބަސް އަޑުއިވެނީ ”ޝަރަފު“ ގެ ގޮތުގައެވެ.
§30:24
30:24 ޢިބްރާނީ ބަހުން ”ޔޫސުފު“ މިބަސް އަޑުއިވެނީ ”އިތުރުކުރުން“ މިގޮތަށެވެ.
30:6 ޢިބްރާނީ ބަހުން ”ދާނު“ މިބަސް މާނަކުރަނީ ”ރުހޭ ގޮތަށް އިންސާފުކުރުން“ މިގޮތަށެވެ.
30:8 ޢިބްރާނީ ބަހުން ”ނަފްތާލީ“ މިބަސް އަޑުއިވެނީ ”ގަދައަޅައި މަސައްކަތް ކުރުން“ މިކަހަލަ ގޮތަކަށެވެ.
30:11 ޢިބްރާނީ ބަހުން ”ޖާދު“ އަޑުއިވެނީ ”ހެޔޮނަސީބު“ މިކަހަލަ ގޮތަށެވެ.
30:13 ޢިބްރާނީ ބަހުން ”އަޝޭރު“ މިބަސްމާނަކުރަނީ ”އުފާވެރިކަން“ މިގޮތަށެވެ.
30:14 ލުއްފާޙު ނުވަތަ މެންޑްރޭކްސްއަށް ލޯބީގެ މަލޭވެސް ކިޔައެވެ. އަދި މިގަހުގެ މޫ ބޭނުންކުރުމުން ޖިންސީ އެދުންވެރިކަން ވަރުގަދަކޮށްދީ ދަރިމައިވާނޭ ކަމުގެ ޚުރާފާތްތަކުގެ ވާހަކަ މީހުން ދައްކައި އުޅެއެވެ.
30:18 ޢިބްރާނީ ބަހުން ”ޔައްސާކަރު“ މިބަސް އަޑުއިވެނީ ”ރަނގަޅު ޖަޒާ“ ގެ ގޮތުގައެވެ.
30:20 ޢިބްރާނީ ބަހުން ”ޒަބޫލޫން“ މިބަސް އަޑުއިވެނީ ”ޝަރަފު“ ގެ ގޮތުގައެވެ.
30:24 ޢިބްރާނީ ބަހުން ”ޔޫސުފު“ މިބަސް އަޑުއިވެނީ ”އިތުރުކުރުން“ މިގޮތަށެވެ.