ފޭލިގެކޮޅަށް ވެދުން ކުރުން
1މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. 2”ބަނީ އިސްރާއީލީންގެ ގާތު ބުނޭ، ’އަހަރެންނަށް ވެދުން ހުށަހަޅާށޭ.‘ އެބައެއްގެ ހިތުގެ އަޑިން ވެދުން ހުށަހަޅަން ބޭނުން ކޮންމެ ބަޔަކު ގެންނަ ވެދުމެއް ވެސް ގަބޫލު ކުރޭ. 3މި ހާމަކުރާ ތަކެތި ވެދުމުގެ ގޮތުގައި ގަބޫލު ކުރޭ:
ރަނާއި ރިއްސާއި އަދި ކަފުލޯ؛
4ނުލާއި ދަނބާއި ގަދަރަތް ރޮދި؛
މޮޅު ލިނެން ފޮއްޗާއި ބަކަރި ކެހެރި؛
5ހިއްކައި ރަތްކުލަ ޖައްސާފައިވާ ފިރިހެން ކަންބަޅީގެ ހަމާއި މޮޅު ބަކަރި ހަން؛ އަކާސިޔާ ލަކުޑި؛
6ބައްތި ދިއްލާނެ ޒައިތޫނި ތެޔޮ؛ ޚާއްސަ ކުރުމަށް އުނގުޅާ ތެލާއި މީރުވަސް ދުއްވަން ބޭނުންކުރާ ދުންބުރުވާ ތަކެތަކެއްޗަށް ބޭނުންކުރާ ހަވާދު ފަދަ ތަކެތި؛
7ޔަމަނު ޢަޤީޤު ހިލާއި އަފޫދު ހެދުމުގައި އާއި މޭމަތީ ފޮތިގަނޑުގައި ޖަހާނެ އެކިކަހަލަ ޖަވާހިރު.
8އިސްރާއީލީން ލައްވާ ތިމަން ކަލާނގެ އެމީހުންގެ ގާތު އުޅުއްވުމަށް ކަމުދާ ކަހަލަ މާތް ގެކޮޅެއް ތައްޔާރު ކުރުވާ. 9އަދި އަހަރެން ދައްކާ ނަމޫނާއާ އެއްގޮތަށް މި ފޭލިގެ ހަދައި ފެހާމާނު ލައި ތައްޔާރު ކުރޭ.“
ޢަހުދުނާމާ ފޮށިކޮޅު
10”އަދި އެމީހުން ލައްވާ އަކާސިޔާ ލަކުޑިން ފޮއްޓެއް ހައްދާ. އެ ފޮށި ވާން ޖެހޭނީ ސާޅީސްފަސް އިންޗި ދިގު ހަތާވީސް އިންޗި ފުޅާ ހަތާވީސް އިންޗި އުސް ފޮއްޓަކަށް. 11ފޮށީގެ އެތެރެއާއި ބޭރުގައި ރަތުރަން ފަށަލައެއް ލާ. އަދި ވަށައިގެން ރަންވިރުވާ އަޅައި ދާރައެއް ލާ. 12އަދި ރަނުން ހަތަރު ބޮޅު ވިރުވައި އަޅައި އޭގެ ހަތަރު ފަރާތުގައި ފައިތަކާ ދިމާލަށް ހަރުކުރޭ. އެއީ ފަރާތެއްގައި ދެ ބޮޅު. 13އަދި އަކާސިޔާ ލަކުޑިން ދެ ދަނޑި ހަދައި އޭގައި ވެސް ރަން އުނގުޅާ. 14ފޮށި އުފުލުމަށް އެދަނޑިތައް ބޮޅުތަކުގެ ތެރެއަށް ލައްވާ. 15އެ ދެ ދަނޑި އަބަދުވެސް ބޮޅުތެރެއަށް ލައްވާފައި ބަހައްޓާ. 16ފޮށިހަދާ ނިމުމުން އަހަރެން ކަލެއަށް ދޭ ޢަހުދުނާމާ ލިޔެވިފައިވާ ހިލަފޮތިތައް އެއަށް ލާ.
17ކައްފާރާގެ މަޤާމުފުޅު ކަމަށް ވާ އެފޮށީގެ މަތިގަނޑު ރަތުރަނުން ހަދާ. އެއީ އޭގެ ދިގުމިނުގައި ސާޅީސް ފަސް އިންޗި، ފުޅާމިނުގައި ހަތާވީސް އިންޗި ހުންނަ ގޮތަށް. 18‏-19އަދި ރަނުން އަތްކަން ކޮށް މަރުތޭލުން ތަޅައިގެން ހަދާފައިވާ ކަރޫބީމުގެ ދެ ސޫރަ އެ ފޮށީގެ މަތިގަނޑުގެ ދެކޮޅުގައި ބަހައްޓާ. އަދި އެ ދެ ސޫރަ އަތްކަންކޮށް މަތިގަނޑާ އެއްކޮށް އެކަތިގަނޑަކަށް ހަދާ. 20މި ކަރޫބީމު މަލާއިކަތުންގެ ސޫރަތައް ހުންނަން ވާނީ އެކަތި އަނެކައްޗާ ކުރިމަތި ވާނެ ހެން މަތިގަނޑުގެ ދެކޮޅުގައި. އަދި އޭގެ ބެލުން އަމާޒުވެފައި ހުންނަން ވާނީ މަތިގަނޑުގެ މެދާ ދިމާއަށް ތިރިއަށް. އެއީ އެ ދެމަލާއިކަތުންގެ ފިޔަގަނޑުން މަތިގަނޑަށް ހިޔާ އަޅައިގެން ތިބޭ ފަދައިން.
21ޢަހުދުނާމާ ލިޔެވިފައިވާ ހިލަފޮތިތައް އަހަރެން ދޭނަން. އެ ހިލަ ފޮތިތައް ފޮށިތެރެއަށް ލާފައި މަތިޖަހާ. 22ޢަހުދުނާމާ ފޮށީގެ މަތިން ކަރޫބީމު މަލާއިކަތުންގެ ދެމެދުން އަހަރެން ކަލެއާ ބައްދަލުކޮށް ހަދާނަން. އިސްރާއީލީންނަށް އަންގަން ޖެހޭ އަމުރުތައް އެތަނުން އަހަރެން ކަލެއަށް އަންގައިދޭނަން.“
މޭޒުކޮޅު ހަދަންވީ ގޮތް
23”ދެން އަކާސިޔާ ލަކުޑިން މޭޒެއް ޖަހާ. އެ މޭޒުގެ ދިގުމިނުގައި ތިރީސް ހަ އިންޗި ފުޅާ މިނުގައި އަށާރަ އިންޗި އަދި އުސް މިނުގައި ހަތާވީސް އިންޗި ބަހައްޓާ. 24މުޅި މޭޒު ރަތުރަނުން ޖަރީކޮށް އޭގެ މަތިގަނޑުގެ ވަށައިގެން ވިރުވާއަޅާފައި ވާ ރަނުގެ ދާރައެއް ޖަހާ. 25އެ ދާރައިގެ ވަށައިގެން ރަނުން ތިން އިންޗި ފުޅާމިނުގެ ކައިރިފަށެއް އަޅާ. 26ދެން ރަނުގެ ހަތަރު ބޮޅު ހަދައި ކޮންމެ ފައެއްގެ ކަނުގައި އެބޮޅުތައް ހަރުކުރޭ. 27ބޮޅުތައް ހަރުކުރަން ވާނީ މޭޒުގެ މަތިގަނޑުގެ ތިރީގެ ކައިރިފަށުގައި. އެއީ އެ މޭޒު އުފުލަން ދަނޑިތައް ލެއްވުމަށް. 28މި ދަނޑިތައް ހަދަން ވާނީ އަކާސިޔާ ލަކުޑިން. އޭގައިވެސް ހުންނަން ވާނީ ރަން ފަށަލައެއް ލާފައި. 29އެމޭޒަށް ޚާއްސަކޮށްގެން ރަތުރަނުގެ ކަންވާރުތަކެއް ވެސް ހަދާ. އަދި ބޯތައްޓާއި، ތިލަ ތައްޓާއި، ގުޅިތަކާއި ޖޯޑުތައްޓާއި ހަދާ. އެއީ ވެދުން ކުރެވޭ ދިޔާތަކެތި އެޅުމަށް. 30އަދި ޢަހުދުނާމާ ފޮށިކޮޅުގެ ކުރިމަތީ މޭޒުމަތީގައި ހަޒްރަތަށް ހުށަހަޅާ ބޯރޮށިތައް އަބަދުވެސް ބަހައްޓާ. އެއީ އަހަންނަށް ޚާއްސަކުރެވޭ އެއްޗެއް.“
ބައްތިކޮޅު
31”އަދި އަތްކަން ކޮށްގެން ރަތުރަނުން ބައްތިއެއް ތައްޔާރު ކުރޭ. ބައްތިއާއި ބައްތި ދަނޑި ހަދަންވާނީ މަރުތޭލުން ތަޅައި އެކަތިގަނޑެއްގެ ގޮތުގައި. އޭގެ ބުޑާއި، މެދުގައި ހުންނަ ދަނޑިއާއި، ބައްތިތަށިތަކާއި އޭގެ ތަނޑުތަކާއި ފިޔަތައް ވެސް ހުންނަން ވާނީ މިގޮތުގައި. 32ބައްތި ދަނޑީގެ ދެފަރާތުގައި ފަރާތެއްގައި ތިން ގޮފި ހުންނަ ގޮތަށް ހަ ގޮފި ހަރުކުރޭ. 33މިއިން ކޮންމެ ގޮފިގަނޑެއްގައި ވެސް ފޮޅިފައިވާ އަލްމަންޑް މަލެއްގެ ސިފައިގައި ތިން ތަށި ހަރުކުރޭ. މި ތަށިތައް ހަދަންވާނީ އަލްމަންޑް މަލުގެ ފިޔަތަކާއި ބުޑުގަނޑު ވެސް ސިފަ ވާނެ ފަދަ ގޮތަކަށް. 34ބައްތި ދަނޑީގައި ފޮޅިފައިވާ އަލްމަންޑް މަލަކާއި އޭގެ ތަނޑުގެ ސިފައިގައި ހަތަރު ތަށި ހުންނަންވާނެ. 35ކޮންމެ ތައްޓެއް ހުންނަންވާނީ ބައްތި ދަނޑިން ފަޅާފައިވާ ކޮންމެ ދެ ގޮފިގަނޑެއްގެ ދެމެދުގައި. 36މި ގޮފިތަކާއި ތަނޑުތައް ވެސް އަދި ބައްތި ދަނޑިވެސް ހުންނަން ވާނީ ރަތުރަނުން މަރުތޭލުން ތަޅައި އެކަތިގަނޑެއްގެ ގޮތުގައި.
37ދެން އެ ބައްތި ދަނޑީގައި ހަރުކުރަން ހަތް ބައްތި ތައްޔާރު ކުރޭ. އެ ބައްތިތައް ހުންނަން ވާނީ އޭގެ އަލި ކުރިމައްޗަށް އަންނާނެ ގޮތުގައި.
38ބައްތީގެ ފީތާ ލައްވާ ގިނިފައްޗާއި ދެލިކަނޑާ ތަށިތައް ވެސް ހުންނަން ވާނީ ރަތުރަނުން. 39މި ބައްތިއާއި އެއާ ގުޅޭ ސާމާނުތައް ހެދުމަށް ތިރީސްފަސް ކިލޯ ރަން ބޭނުން ވާނެ. 40މި ހުރިހާއެއްޗެއްވެސް ހަދަން ވާނީ އަހަރެން މި ފަރުބަދަމަތީގައި ކަލެއަށް ދެއްކި ނަމޫނާއާ އެއްގޮތަށް.“

Notes


*25:5 25‏:5 އަކާސިޔާ ލަކުޑިއަކީ ކުރެދިހާ ހަރު ލަކުޑިއެވެ.

25:7 25‏:7 މިއީ އަޅުކަން ކުރާއިރު އިމާމުން ލާން ގެންގުޅޭ ޚާއްސަ ޖުއްބާއެކެވެ. މި ޖުއްބާގައި މޭމަތީ ޕްލޭޓެއް ހަރުކޮށްފައި ހުރެއެވެ.

25:7 25‏:7 ނެރުއްވުން 28‏:6‏-14

25:10 25‏:10 ޢިބްރާނީ ބަހުން ކިއުބިޓް އަކީ ގާތްގަނޑަކަށް މުށެއްގެ ދިގުމިނެވެ. (މުށަކީ 18 އިންޗް). މިތަނުގައި މިވަނީ 2 މުށްބައި ދިގު ދޮޅުމުށްބައި އުސްމިނުގައި ދޮޅުމުށް ހުންނަ ވަރެވެ. އަތްތިލައެއްގެ ފުޅާމިނަކީ 3 އިންޗް.

§25:18‏-19 25‏:18‏-19 މިއީ ފިޔަގަނޑެއް ލާފައި ހުންނަ ގޮތަށް މަލާއިކަތުންގެ ސިފަ ރަމްޒުކޮށްދޭގޮތަށް ހަދާފައިވާ ސޫރައެކެވެ.