ނެރުއްވުން
ތަޢާރަފު
މިއީ އިސްރާއީލުގެ ތާރީޚުގައި ހިނގާފައިވާ މުހިންމު ހާދިސާއެކެވެ. މި ފޮތުގައި ހިމެނެނީ ބަނީ އިސްރާއީލު މީހުން (ޢިބްރާނީން) މިޞްރުގައި އަޅުވެތިވުމުން މާތްރަސްކަލާނގެ އެމީހުން މިޞްރުގެ އަޅުވެތިކަމުގެ ތެރޭން މިންޖު ކުރައްވައި އެރަށުން ނެރުއްވި ގޮތުގެ ވާހަކައެވެ. މި ފޮތުގައި ހިމެނެނީ މުހިންމު ހަތަރު ބައެކެވެ:
1. ޢިބްރާނީންގެ މީހުން އަޅުވެތިކަމުން ސަލާމަތްވީ ގޮތް.
2. އެމީހުން ޠޫރުސީނާ ފަރުބަދައަށް ދަތުރުކުރުން.
3. އެމީހުންނާ މާތްކަލާނގެއާ ދެމެދު ކުރެވުނު ޢަހުދުނާމާ. އެއީ އެމީހުން އުޅެންވީގޮތާއި، އެކަކުއަނެކަކާ މެދު ކަންތައް ބަހައްޓަންވާ އުސޫލުތަކާއި، ދީނީގޮތުން ކަންތައް ކުރަންވީގޮތް އަންގަވައި މާތްރަސްކަލާނގެ އެންގެވި އެންގެވުންތައް.
4. ބަނީ އިސްރާއީލީން މާތްރަސްކަލާނގެއަށް އަޅުކަން ކުރުމަށް ޚާއްސަ ފޭލިގެކޮޅެއް ތައްޔާރު ކުރުން. އަދި އަޅުކަން ކުރަންވީގޮތުގެ ތަފްސީލުތައް.
މިހުރިހާ ކަމެއްގެ އިތުރުން މި ފޮތުން ދައްކައިދެނީ ބަނީ އިސްރާއީލީން އަޅުވެތިކަމުގެ ތެރޭގައި ތިއްބައި މާތްރަސްކަލާނގެ އެމީހުން އެކަމުން ސަލާމަތް ކުރައްވައި، އެމީހުންނަށް އާ އުންމީދުތަކެއް ދެއްވައި، އެމީހުންގެ އަމިއްލަ ޤައުމެއް ގާއިމު ކޮށްދެއްވި ގޮތެވެ.
އެކަލާނގެ ކުރެއްވި މިކަންތަކުގައި އިންސާނުންގެ ތެރޭން އިސްވެ ހުންނެވީ މޫސާގެފާނެވެ. އެކަލޭގެފާނަކީ އިސްރާއީލީން މިޞްރުގެ ބިމުން ނެރުއްވުމަށް މެދުވެރި ކުރެއްވި ފަރާތެވެ. މި ފޮތުގައި އެންމެ ފާހަގަ ކުރެވޭ އެއްކަމަކީ ވިހިވަނަ ބާބުގައި ހިމެނޭ ދިހަ އަމުރުފުޅެވެ.
ފޮތުގައި ހިމެނޭ ބައިތައް
އިސްރާއީލީން މިޞްރުން ބޭރުވުން (1:1—15:21)
އެމީހުން މިޞްރުގައި އަޅުވެތި ވެފައި ތިބި ތިބުން (1:1-22)
މޫސާގެފާނު އުފަންވުމާއި އެކަލޭގެފާނުގެ ތުއްޕުޅު ދުވަސްވަރު (2:1—4:31)
މޫސާގެފާނާއި ހާރޫނުގެފާނު ރަސްގެފާނުގެ އަރިހަށް ވަޑައިގެންނެވުން (5:1—11:10)
ފަހަނަޅައި ދަތުރުކުރެއްވުން (12:1—15:21)
ރަތްކަނޑު ހުރަސްކޮށް ޠޫރުސީނާ ފަރުބަދައަށް ދަތުރުކުރުން (15:22—18:27)
ޢަހުދުނާމާއާއި ޤާނޫނާއި ގަވާއިދުތައް (19:1—24:18)
ފޭލިގެކޮޅާއި އަޅުކަމުގެ ކަންތައް ކުރާނެ ގޮތުގެ އިރުޝާދުތައް (25:1—40:38)
ބަނީ އިސްރާއީލީން މިޞްރުގެ އަޅުވެތިކަމުގައި
1މިއީ ޔަޢުޤޫބުގެފާނާއެކު މިޞްރަށް ގެންދެވި އިސްރާއީލްގެ ދަރިންނާއި އެދަރިންގެ އާއިލާގެ ނަންތަކެވެ. 2ރައޫބައިން، ޝިމްޢޫން، ލާވީ، ޔަހޫޛާ، 3ޔައްސާކަރު، ޒަބޫލޫން، ބަންޔާމީން، 4ދާނު، ނަފްތާލީ، ޖާދު އަދި އަޝީރު އެވެ. 5ޔޫސުފުގެފާނު އޭރު ވެސް ވަނީ މިޞްރުގައެވެ. ޔަޢުޤޫބުގެފާނުގެ ދަރިކޮޅުގެ މީހުންގެ އަދަދަކީ ހަތްދިހައެވެ.
6މިހާރު ޔޫސުފުގެފާނާއި އެކަލޭގެފާނު އާއިލާއާއި އެދުވަސްވަރުގެ އެންމެން މަރުވެ ހިނގައްޖެއެވެ. 7އެކަމަކު އިސްރާއީލީން ތަނަވަސްކަން އިތުރުވެ ދަރިފަސްކޮޅު އެތައް ގުނައަކަށް ގިނަވެ މުޅި މިޞްރުގެ ބިން ފުރިއްޖެއެވެ.
8ދެން ޔޫސުފުގެފާނަކީ ކޮން ބޭކަލެއްކަން އެނގި ވަޑައި ނުގަންނަވާ ރަސްކަލަކު މިޞްރުގެ ރަސްކަމަށް އިސްވެ ވަޑައިގެންފިއެވެ. 9މިރަސްގެފާނު މިޞްރުގެ މީހުންގެ ގާތު ވިދާޅުވިއެވެ. ”ނިކަން ބަލާބަލަ، ބަނީއިސްރާއީލީން ގިނަވެ އަހަރެމެންނަށް ނުތަކާ ވަރު ވެއްޖެ. 10އެމީހުން ގިނަ ނުވާނެ ކަހަލަ ހިންތާއެއް އަހަރެމެން ހަދަން ވެއްޖެ. އެހެންނޫނީ އަހަރެމެންނާ ހަނގުރާމައެއް ކުރިމަތި ލާ ދުވަހަކުން އެމީހުން އަހަރެމެންގެ ދުޝްމިނުންނާއި ބައިވެރިވެ އަހަރެމެންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ފަހު ފިލައި ރައްކާވެދާނެ.“
11އެހެންވެ މިޞްރު މީހުން އެމީހުންގެ ދިރިއުޅުން ދަތި ކުރުމަށްޓަކައި އަޅުވެތި ކޮށްފިއެވެ. އަދި އެމީހުންގެ މައްޗަށް އަމުރުކުރަން ހަރުކަށި ވެރިން ލައިފިއެވެ. އެމީހުން ލައްވާ ބުރަ މަސައްކަތް ކުރުވައި ޕިތޫމް އާއި ރަޢަމްސީސްގެ ރަށްތައް ރަސްގެފާނުގެ ގުދަން ތަކެއްގެ ގޮތުގައި ބިނާ ކުރުވައިފިއެވެ. 12އެކަމަކު އެމީހުން ފިއްތި ވަރަކަށް އެމީހުންގެ އަދަދު ގިނަވެ ފެތުރުން ދިޔައީ އިތުރުވަމުންނެވެ. މިކަމާ މިޞްރު މީހުން ވަކިން ބޮޑަށް އިސްރާއީލީން ދެކެ ބިރުގެންފިއެވެ. 13ދެން އެމީހުންނާމެދު އެއްވެސް ރަޙުމެއް ނުބަހައްޓައި އެމީހުން ލައްވާ ބުރަ މަސައްކަތް ކުރުވަން ޖައްސައިފިއެވެ. 14މިޞްރު މީހުން އެމީހުން ލައްވައި ގާއަޅުވައި އުވަ ގައްޓުވައި ދަނޑުތަކުގައި އެކިބާވަތުގެ މަސައްކަތް ކުރުވައި އެމީހުންނަށް ދުއްތުރާ ކުރަން ފަށައިފިއެވެ. މިގޮތަށް އެމީހުން ލައްވާ މަސައްކަތް ކުރުވާއިރު އެމީހުންނާ މެދު މިޞްރު މީހުން ކުޑަވެސް ރަޙުމެއް ނުބަހައްޓައެވެ.
15ދެން ޢިބްރާނީންގެ ފޫޅުމައިން ކަމުގައިވާ ޝިފްރާ އާއި ފޫއާއަށް މިޞްރު ރަސްގެފާނު އެންގެވިއެވެ. 16”ކަލޭމެން ޢިބްރާނީންގެ އަންހެނުންގެ ދަރިން ވިއްސަން ތިބޭ އިރު ފިރިހެން ދަރިއެއް ވިހައިފިއްޔާ މަރާލާތި. އަންހެން ދަރިއެއް ނަމަ މަރާނެ ކަމެއް ނެތް.“ 17އެކަމަކު މި ފޫޅުމައިން މާތްﷲ ކިބަފުޅަށް ބިރުވެތިވެ ފިރުޢައުނު ރަސްގެފާނު އެންގެވި ގޮތެއް ނުހެދިއެވެ. އެމީހުން އެ ފިރިހެން ދަރިންނެއް ނުމެރިއެވެ. 18ދެން ފިރުޢައުނު މި ފޫޅުމައިން ބަލާފޮނުއްވައިގެން ގެންނަވައި ސުވާލު ކުރެއްވިއެވެ. ”ކަލޭމެން ތިހެން ކަންތައް ކުރީ ކީއްވެ؟ އަހަރެން ބުނިހެން ފިރިހެން ދަރިން ނުމެރީ ކީއްވެ؟“
19އެމީހުން ދެންނެވިއެވެ. ”ޢިބްރާނީންގެ އަންހެނުން މިޞްރު އަންހެނުން ހެނެއް ނޫން. އެމީހުން އެއީ ނިކަން ފަސޭހައިން ވިހާބައެއް. އަޅުގަނޑުމެންނަށް ދެވޭ އިރު އެމީހުން ތިބެނީ ވިހައިގެން.“ 20މި ފޫޅުމައިންނަށް މާތްﷲ ހެޔޮގޮތް މިންވަރު ކުރެއްވިއެވެ. ބަނީއިސްރާއީލު މީހުންގެ އަދަދު ދިޔައީ ގިނަވަމުންނެވެ. 21މި ފޫޅުމައިން މާތްﷲ ކިބަފުޅަށް ބިރުވެތިވީތީ އެކަލާނގެ އެމީހުންނަށް އަމިއްލަ ދަރިންނާއި އާއިލާ ދެއްވިއެވެ.
22ދެން ފިރުޢައުނު އޭނާގެ އެންމެންނަށް އެންގެވިއެވެ. ”އުފަންވާ ކޮންމެ ޢިބްރާނީ ފިރިހެން ދަރިއެއް ނީލަކޯރަށް އެއްލާލާ. އެކަމަކު އެއްވެސް އަންހެން ދަރިޔަކު ނުމަރާތި.“