ބުއްދިއާއި އަޚުލާގު
1ދަރިފުޅާއެވެ! އަހަރެން މިބުނާ ބަސްތައް ކަނުލައި އަހައި އަހަރެން މިދޭ ފިލާވަޅުތަކާއި އިރުޝާދާ އެއްގޮތަށް ކަންތައް ކުރަން ހަނދާން ބަހައްޓާށެވެ. 2ވިސްނުންތެރިކަން އަންގައިދޭ ބަސްތަކަށް ކަންދީ ސަމާލުވެ އަޑުއަހަމުން ގެންދާށެވެ. 3އާނއެކެވެ! އިލްމަށް ސަލާންޖަހާށެވެ. ހިލްމަށް އެދި އާދޭސް ކުރާށެވެ. 4ވިސްނުންތެރިކަން ރިހިފައިސާ ފަދައިން ހޯދާށެވެ. އަގުބޮޑު ޚަޒާނާއެއް ފަދައިން ކޮޅައި ހޮވާށެވެ. 5އޭރުން މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވުމަކީ ކޮބައިކަން މަޢުރިފާކޮށް ދެނެގަންނަން އެނގޭނެއެވެ. އޭރުން މާތްﷲގެ އިލްމުން އިލްމު ދަސްވާނެއެވެ. 6ޙިކުމަތްތެރިކަން ލިބެނީ އެކަލާނގެ ކިބަފުޅުންނެވެ. ހަމަވިސްނުމާއި އިލްމު ލިބެނީވެސް އެފަރާތްޕުޅުންނެވެ. 7ޞާލިޙު ތެދުވެރިންނަށް ރައްކާތެރިކަން ލިބި ހެޔޮ ނަސޭހަތުގެ ޚަޒާނާ ލިބެނީ ވެސް އެކަލާނގެ ކިބަފުޅުންނެވެ. 8އެހެން މީހުންނާ މެދު އިންސާފުން ކަންތައް ކުރާ މީހުންނަށް މާތްކަލާނގެ ރައްކާތެރިކަން ދެއްވައެވެ. އަދި އެކަލާނގެއަށް ވަފާތެރިކަންމަތީ ތިބޭމީހުންނަށް ހިމާޔަތް ދެއްވައެވެ.
9އަހަރެންގެ މިބަސްތައް އަހައިފިނަމަ، ކަލޯއަށް ހެޔޮކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަމަކީ ކޮބައިކަން އެނގޭނެއެވެ. އަދި ހިނގާނެ ތެދުމަގު ވެސް ފެންނާނެއެވެ. 10އެހެނީ ކަލޯ އޭރުން ހުންނާނީ ވިސްނުންތެރި އަކަށް ވެފައެވެ. އަދި އިލްމު ކަލޯގެ ހިތަށް ފިނިކަން ލިއްބައިދޭނެއެވެ. 11ކަލޯއަށް ތަދުބީރުތަކާއި ހެޔޮ ވިސްނުން ލިބުމުން ކަލޯގެ މައްޗަށް ރައްކާތެރިކަން ލިބިފައިވާނެއެވެ.
12އަދި ވިޔާނުދާ ކަންތަކުން ކަލޯ އެއްކިބާ ކޮށްދޭނެއެވެ. އަދި ދޮގުވެރި މަކަރުވެރި މީހުންގެ ކިބައިން ވެސް ކަލޯ ރައްކާތެރިކޮށް ދޭނެއެވެ. 13އެމީހުންނަކީ ހެޔޮކަންތަކާއި ތެދުމަގުން އެއްކިބާވެ އަނދިރިކަމުގެ ތެރޭގައި އުޅެމުންދާ މީހުންނެވެ. 14އެމީހުންނަކީ ނުބައިކަންތައް ކުރާ ހިތްވާ ބައެކެވެ. އެމީހުން ގަޔާވަނީ ނުބައިނުލަފާ ކަންތަކާއެވެ. 15އެމީހުންނަކީ އިތުބާރު ކުރެވޭނެ ބައެއް ނޫނެވެ. އެމީހުން ކަންތައް ކުރާނީ ހިތަށް އެރިހާ ނުބައި ގޮތަކަށެވެ.
16ވަގުފިރިން ގެންގުޅޭ ބަސްއޮމާން އަންހެނާގެ ކިބައިން ކަލޯ ސަލާމަތްކޮށްދޭނީ މި ހެޔޮ ވިސްނުމެވެ. 17އެ އަންހެނާއަކީ ޅައުމުރުގައި ކައިވެނިކުރި ފިރިމީހާއަށް ކެހިދީ މާތްﷲ ކިބަޔަށް ކުރި ޢަހުދު އުވާލި މީހާއެވެ. 18އެއަންހެނާގެ ގެޔަށް ކަލޯ ދާނަމަ އެ ދެވެނީ މަރުގެ އަނދިރި ގޯޅިގަނޑުންނެވެ. 19އޭނާއަށް ޒިޔާރަތް ކޮށްފި މީހާ ގެއްލި ހަލާކުވީއެވެ. ކަލޯއަކަށް ދިރިހުރުމެއް އަނބުރާ ނުލިބޭނެވެ.
20ވީމާ ރަނގަޅު ޞާލިޙުންގެ މިސާލުތައް ބަލައި ތެދުވެރި ދިރިއުޅުމެއް އުޅޭށެވެ. 21އެހެނީ ޞާލިޙު ތެދުވެރިން ވާނީ އަހަރެމެންނާއެކު މި ބިމުގައެވެ. އެމީހުންނަކީ އިތުބާރު ކުރެވޭ ބައެކެވެ. 22ބިމުން ބޭރުކޮށްލެވޭނީ ނުބައި ނުލަފާ މީހުންނެވެ. މުލުން ލުހެލެވޭނީ ޣައްދާރުންނެވެ.

Notes


*2:5 2‏:5 މި ފޮތްކޮޅުގެ ތަރުޖަމާގައި މާތްރަސްކަލާނގެއޭ ލިޔެވިފައިވާ ތަންތަނުގައި ޢިބްރާނީ ބަހުން އޮންނަނީ ޔަހޫވޭ އެވެ. ޔަހޫވޭ މި ނަންފުޅަކީ މޫސާގެފާނަށް އެކަލާނގެ އެންގެވި ނަންފުޅެކެވެ. (ނެރުއްވުން، މިފޮތުގެ 3‏:14 ބައްލަވާ.) ޔަހޫވޭ އޭ އިސްރާއީލީން މުޚާތަބު ކުރަނީ މާތްރަސްކަލާނގެއާ ގާތް ގުޅުމެއް ހާމަ ކުރެވޭ ތަންތަނުގައެވެ. ﷲ އޭ ލިޔެވިފައިވާ ތަންތަނުގައި ޢިބްރާނީ ބަހުން އޮންނަނީ އެލޯހީމް އެވެ. އެލޯހީމްގެ މާނައަކީ އިލާހު އެވެ.