މާތްރަސްކަލާނގެ އޯގާވަންތަކަމާމެދު ޔޫނުސްގެފާނު ނުރުހުންވެ ވަޑައިގަތުން
1މާތްރަސްކަލާނގެ އިރާދަފުޅު ބަދަލު ކުރެއްވީތީ ޔޫނުސްގެފާނު ނުރުހުންވެ ރުޅިގަދަ ވެއްޖެއެވެ. 2އެކަލޭގެފާނު ޝަކުވާ ދެންނެވިއެވެ. ”މިއަޅާ ރަށުން ފުރުމުގެ ކުރިންވެސް ދެންނެވީމު ނޫންތޯ؟ އިނބަރަސްކަލާނގެ އަކީ ކޯފާ މަޑު ކުރައްވާ ކެއްތެރިވެ ވޮޑިގަންނަވާ އޯގާވަންތަ ރަސްކަލާނގެއޭ. އިނބަރަސްކަލާނގެ އެކަކަށްވެސް ކޯފާއެއް ފޮނުއްވުމަށް އަވަސްވެ ވޮޑިއެއް ނުގަންނަވާނެޔޭ. އެކަމެއް ނުކުރައްވައި ދޫކޮށްލައްވައިފާނެޔޭ. އެފަހަރުވެސް މިރަށަށް ނައިސް، ތަރްޝީޝްއަށް ދިއުމަށް މި އަޅާ ދަތުރުކުރީ އެހެންވީމައޭ. އިނބަ ރަސްކަލާނގެއަކީ މީސްތަކުންގެ މައްޗަށް ލޯބިވެ ވޮޑިގަންނަވާ ރަސްކަލާނގެ ކަން މިއަޅާއަށް އެނގޭ. 3މިއަޅާ ބުނިގޮތަށް އެކަންތައް ނުވާނަމަ މިއަޅާ މަރުގެންނެވުންވެސް މާހެޔޮ.“
4މާތްރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަ ދެއްވިއެވެ. ”ކަލޭގެފާނު މި ކަމާ ނުރުހުންވުމަށް ކަލޭގެފާނަށް އޮތީ ކޮން ޙައްޤެއްތަ؟“
5ދެން ޔޫނުސްގެފާނު އެރަށުގެ އިރުމަތީފަރާތަށް ވަޑައިގެން އެތަނުގައި ފިޔަފާޅިގަޑެއް ޖައްސަވައި އެތާ އިންނަވައި އެރަށަށް ވާގޮތެއް ބައްލަވަމުން ގެންދެވިއެވެ. 6އެކަލޭގެފާނު އެހެން އިންނަވަނިކޮށް މަތިވެރި މާތްރަސްކަލާނގެ އަމުރުފުޅަށް ބިޔަ ވެޔޮގަހެއް އެތަނުގައި ހެދި އެކަލޭގެފާނަށް ހިޔާ ޖެހި ފިނިކަން ލިބޭނެ ގޮތް މެދުވެރި ވެއްޖެއެވެ. މިކަމާ އެކަލޭގެފާނު ވަރަށް އުފާފުޅު ވިއެވެ. 7އެހެންނަމަވެސް އެރޭފަތިހު އެގަސް ކާލާނެ ފަންޏެއް ފޮނުއްވައި ގަސް މަރުވެ ނެތިދާނެގޮތް މާތްﷲ މެދުވެރި ކުރައްވައިފިއެވެ. 8ހެނދުނު އިރު އެރުމާއި އެކު އެކަލާނގެ އަމުރުފުޅަށް ހޫނު ގަދަވެ އިރުމަތީ ފަރާތުން ހޫނު ވައެއް އަތުވެއްޖެއެވެ. މި އައި ގަދަ ދިލަހޫނު އަވި އެކަލޭގެފާނުގެ އިސްތަށިފުޅަށް އެޅި އެކަލޭގެފާނު އަނބުރައިގަންނަ ވަރުވެއްޖެއެވެ. ދެން އެކަލޭގެފާނު މަރަށް ތައްޔާރުވެ ވަޑައިގަތެވެ. އެކަލޭގެފާނު ދުޢާ ދެންނެވިއެވެ. ”މިގޮތުގައި ދިރިހުރުމަށް ވުރެން އަޅުގަނޑުގެ ފުރާނަ ގެންދެވުންވެސް މާ ހެޔޮ.“
9ދެން މާތްﷲ ޔޫނުސްގެފާނާ ސުވާލު ކުރެއްވިއެވެ. ”އޭ ޔޫނުސް! އެ ގަސް މަރުވީތީ އެކަމާ ކަލޭގެފާނު ރުޅިއަންނަން އޮތީ ކޮން ޙައްޤެއް؟“ ޔޫނުސްގެފާނު ދެންނެވިއެވެ. ”ރުޅިއާދެވޭ! އެގަސް މަރުވީތީ މިއަޅާ މަރުވާހާ ވަރަށް އެބަ ރުޅި އާދެވޭ.“
10މާތްރަސްކަލާނގެ އިޖާބަ ދެއްވިއެވެ. ”އެގަހަކީ ކަލޭގެފާނު ކުރެއްވި އެއްވެސް ކަމަކާ ނުލާ މިތަނުގައި އެއްދުވަހު ހެދި އަނެއް ދުވަހު މަރުވެ ދިޔަ ގަހެއް. އެކަމަކު އެގަސް މަރުވީމަ އެކަމާ ކަލޭގެފާނު ތިޔަ ޝަކުވާ ކުރަނީތަ؟ 11އެކަމަކު ނީނަވާގައި ޣާފިލު ކަމުތެރޭގައި ތިބި އެއްލައްކަ ވިހިހާސް މީހުންނާއި ގެރިބަކަރި ޖަނަވާރު އެބަތިބި. ވީއިރު އެފަދަ ބޮޑު ރަށަކާ މެދު ތިމަންކަލާނގެ އޯގާވެރިވެ ވޮޑިނުގަންނަންވީ ކީއްވެތަ؟“