ބުއްދިއަށް ކުރެވުނު ތާރީފު
1ބުއްދި ކަމަނާގެ އަޑު އަހާށެވެ. އެކަމަނާގެ އަޑު ގަދަވަމުން ދާން ފަށައިފިއެވެ. 2އެ އަޑު ކޮންމެ ހަތަރު އަނގޮޅިއަކުން އިވޭނެއެވެ. ކޮންމެ ފަރުބަދައެއްގެ އުހުން ވެސް އިވޭނެއެވެ. 3އެ އަޑު ބޮޑު ދޮރާއްޓެއްގެ ކުރިމަތީގައި ހުންނާނެއެވެ. އެ އަޑު ހަރުއަޑުން ގޮވާނެއެވެ. 4”އަހަރެން މިގޮވަނީ މިބިންމަތީގައި ތިބިހާ ބަޔަކަށެވެ. 5ޖާހިލުންނޭވެ. ވިސްނާ ފިކުރުކުރާށެވެ. މޮޔައިންނޭވެ. ދެނެގަނެ ފަހުމު ކުރާށެވެ. 6ނިކަން އަޑުއަހާށެވެ. އަހަރެން މިބުނަނީ އަގުހުރި ބަސްތަކެވެ. ތެދުބަސްތަކެވެ. 7އަހަރެންގެ އަނގަ އަބަދުވެސް ބުނަނީ ތެދުބަސްތަކެވެ. ދޮގުބަސްތައް މަގޭ ތުންފަތަކަށް ކެތެއް ނުވެއެވެ. 8އަހަރެން ބުނާ ހުރިހާ އެއްޗަކީ ހަމަ ޙައްޤު ތެދެވެ. ޙަޤީޤަތާއި ޚިލާފު އޮޅުވާލުމުގެ ބަހެއް ނުބުނަމެވެ. 9ކަލޭމެންގެ ކިބައިގައި ކިރިޔާވެސް ވިސްނުމެއް ހުރިނަމަ އަހަރެން މިބުނަނީ ތެދެއްކަން ސާފުކޮށް އޮޅުމެއްނެތި އެނގިގެންދާނެއެވެ.
10ރިހީގެ ބަދަލުގައި އިރުޝާދުތަކުގައި ހިފާށެވެ. ރަނުގެ ބަދަލުގައި އިލްމުގައި ހިފާށެވެ. 11އަހަރެން މީ ޙިކުމަތެވެ. އަހަރެން ހުރިހާ ޖަވާހިރަކަށް ވުރެން އަދި ހިތްއެދޭ ކޮންމެ އެއްޗަކަށް ވުރެންވެސް އަގުބޮޑެވެ.
12އަހަރެންމީ ޙިކުމަތެވެ. އަހަންނާއެކު ތަންދޮރުދަތުން ވެއެވެ. އަހަންނަށް ކަންތައް ކުރަންވީ ރަނގަޅުގޮތާއި މޮޅުގޮތްތައް އެނގެއެވެ. 13މާތްރަސްކަލާނގެއަށް ކަލޭމެން ބިރުވެތިވާނަމަ ކަލޭމެން ނުބައި ނުލަފާކަމާ ދުރުހެލިވާށެވެ. އަހަރެން ބޮޑާކަމާއި ކިބުރުވެރިކަމާއި ދޮގުވެރިކަމާއި ގޯސްކަންތައް ދެކެ ނަފްރަތު ކުރަމެވެ. 14އަހަރެން ގަސްތުކުރާ ކަންތައް ކޮށް ނިންމަމެވެ. އަހަރެންގެ ހަމަބުއްދި ހުރެއެވެ. އަހަރެން ގަދަފަދައެވެ. 15ރަސްކަލުން އަމުރުމައުރޫފު ހިންގަނީ އަހަރެންގެ އެހީގައެވެ. އަދި އަދުލުވެރިކަމާއެކު ނިޔާކަނޑައަޅަނީ އަހަރެންގެ ބޭނުން ހިފައިގެންނެވެ. 16މި ބިންމަތީގައި ތެދުވެރި ކޮންމެ ވެރިޔަކުވެސް އަމުރު ހިންގަނީ އަހަރެންގެ އެހީގައެވެ.
17އަހަރެން ދެކެ ލޯބިވާ އެންމެން ދެކެ އަހަރެން ލޯބިވަމެވެ. އަހަރެން ހޯދާ މީހަކަށް އަހަރެން ފެންނާނެއެވެ. 18އަހަރެން ކަލޭމެންނަށް ދެމިގެންދާ މުއްސަނދިކަންދީ އިއްޒަތްތެރިކޮށްދީ އަދި ކާމިޔާބާއި ޝަރަފުވެރިކަން ދެމެވެ. 19އަހަރެންގެ ކިބައިން ކަލޭމެންނަށް މިލިބޭ ތަކެތި އެންމެ މޮޅު ރަނާއި އެންމެ ސާފު ރިއްސަށް ވުރެން މާ އަގުބޮޑެވެ. 20އަހަރެން އަބަދުވެސް ކަންތައް ކުރަނީ ޙައްޤާ އެއްގޮތަށެވެ. އަދި އިންސާފުވެރިކަމާ އެކުގައެވެ. 21އަހަރެން ދެކެ ލޯބިވާ އެންމެންނަށް އަހަރެންގެ ފަރާތުން އަގުބޮޑު ޚަޒާނާތައް ދެމެވެ.
22މާތްރަސްކަލާނގެ ހުރިހާ އެއްޗެއް އުފެއްދެވުމުގެ ކުރީގައި އަހަރެން އެކަލާނގެއާއެކުގައި ވީމެވެ. އަހަރެން މީ އެކަލާނގެ އެންމެ ކުރީގައި އުފެއްދެވި އެއްޗެވެ. 23އަޒަލުގައި މިކަންތައް ހިނގީ މިގޮތަށެވެ. އަހަރެން އުފެއްދެވީ ދުނިޔެވެސް އުފެއްދެވުމުގެ ކުރީގައެވެ. 24އަހަރެން އުފަންވި އިރަކު ކަނޑެއް، ކޯދުލައިއަރާ ފެނުގެ ފައްވާރާއެއް ނެތެވެ. 25ފަރުބަދަތައް ބެހެއްޓެވުމުގެ ކުރީގައިވެސް އަހަރެން އުފައްދަވާފައި ވެއެވެ. 26މިކަން ހިނގީ މާތްކަލާނގެ ބިމާއި ބިމުގެ ދަނޑުފަނގުތަކާއި ހިރަފުސްވެސް އުފެއްދެވުމުގެ ކުރީގައެވެ.
27މާތްކަލާނގެ އުޑުތައް އުފައްދަވައި ކަނޑުތަކުގެ މަތީގައި އުދަރެސް ފެތުރުއްވި އިރުވެސް އަހަރެން ހުރީމެވެ. 28އެކަލާނގެ އުޑުމަތީގައި ވިލާތައް ބެހެއްޓެވި އިރުވެސް އަހަރެން ހުރީމެވެ. އަދި ކަނޑުގެ ފުނުން ފެން އެރުއްވި އިރުވެސް އަހަރެން ހުރީމެވެ. 29އަދި ކަނޑުގެ ލޮނުގަނޑު ވަކިވަރަކަށް ވުރެން އުސް ނުވުމަށް އަންގަވައި ބިމުގެ ބިންގާ އެޅުއްވި އިރުވެސް އަހަރެން ހުރީމެވެ. 30އެހުރިހާ ކަމެއް އެކަލާނގެ ކުރެއްވި އިރު އަހަރެން ހުރީ އާރުކާޓީއެއްގެ ގޮތުގައެވެ. އަހަރެން އެކަލާނގެއަށް އުފާލިއްބައިދޭން ހުރީމެވެ. 31އެކަލާނގެ ދުނިޔެ އުފެއްދެވި އިރު އެތަނުގައި ހުރެވުނީތީ އަހަރެން ކިހާ އުފަލެއްވާނެ ހެއްޔެވެ؟ ދުނިޔެގައި އާދަމުގެދަރިން ލެއްވީތީ އަހަރެން ކިހާ އުފާވާނެ ހެއްޔެވެ.
32ވީމާ މަގޭ ދަރިންނޭވެ. އަހަންނަށް ސަމާލުކަން ދޭށެވެ. އަހަރެން ބުނާގޮތް ހެދުމުން ކަލޭމެންނަށް އުފާ ލިބޭނެއެވެ. 33ކަލޭމެންނަށް މި ދަސްކޮށް ދެވުނުކަންތައް ރަނގަޅަށް ބަލައިގަނެ އެގޮތުގެ މަތިން ބުއްދިވެރި ކަންކަމަށް ސަމާލުކަން ދޭށެވެ.
34އަދި ކޮންމެ ދުވަހަކު އައިސް އަހަރެން ބުނާ އެއްޗެއް އަޑުއަހަން އަހަރެންގެ ގޭދޮށުގައި އިންތިޒާރުގައި ތިބޭށެވެ. އޭރުން ކަލޭމެންނަށް އުފާވެރިކަން ލިބޭނެއެވެ. 35އަހަރެން ފެންނަ މީހަކަށް ދިރުން ލިބޭނެއެވެ. އަދި އެބަޔަކާ މެދު މާތްރަސްކަލާނގެ ރުހިވޮޑިގެންވާނެއެވެ. 36އަހަރެން ނުހޯދައިފި ނަމަ ގެއްލުން ހުރީ އެމީހަކަށެވެ. އަހަރެންދެކެ ނަފުރަތު ކުރާމީހާ ލޯބި ކުރަނީ މަރަށެވެ.“