ވެލާއި އެވެލުގެ ގޮފިތައް
1އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”އަސްލު މޭބިސްކަދުރު ވެލަކީ އަހަރެން. އެ ހައްދާ ބަލަހައްޓާ ފަރާތަކީ އަހަރެންގެ ބައްޕާފުޅު. 2އަހަރެންނާއި ގުޅިފައިވާ ގޮފިތަކުގެ ތެރެއިން މޭވާ ނާޅާ ހުރިހާ ގޮތްޕެއް އެކަލާނގެ ކަނޑުއްވާ ލައްވާނެ. އަދި މޭވާ އަޅާ ގޮފިތައް ކޮށްޓަވައި ބަލަހައްޓަވާނެ. އެއީ އެގޮފިތައް ސާފުވެ ގިނަ މޭވާ އަޅާނެ ގޮތް ވުމަށްޓަކައި. 3އަހަރެން ކަލޭމެންނަށް އަންގައިދިން ބަސްތަކުގެ ސަބަބުން ކަލޭމެން ތިޔަ ވަނީ އެފަދަ ގޮފިތަކެއް ފަދައިން ކޮށައި ސާފުކުރެވިފައި. 4ކަލޭމެން އަބަދުވެސް އަހަރެންނާއި ގުޅިފައި ތިބޭތި. އޭރުން އަހަރެން ވެސް ކަލޭމެންނާއި ގުޅިފައިވާނަން. ގަހާއި ވަކިވެފައިވާ ގޮފިގަނޑެއްގައި މޭވާ ނާޅާނެ ފަދައިން ކަލޭމެން އަހަރެންނާއި ވަކިވެއްޖެ ނަމަ ކަލޭމެން ކުރާ ކަމަކުން ވެސް މޭވާއެއް ނުލިބޭނެ.
5އަހަރެން މީ މޭބިސްކަދުރު ވެޔޮ. ކަލޭމެންނީ އެވެލުގެ ގޮފިތައް. އަހަރެންނާއި ގުޅިފައިވާ މީހުން ކިބައިން އެތައް މޭވާއެއް ލިބޭނެ. ނަމަވެސް އަހަރެންނާއި ގުޅިފައި ނުވާ މީހުން ކިބައިން އެއްވެސް މޭވާއެއް ނުލިބޭނެ. 6އަހަރެންނާ ގުޅިގެން ނުވާ މީހެއް ނަމަ، މިލައި ހިކިފައިވާ ގޮފިގަނޑެއް ފަދައިން ކަނޑާ އެއްލާލެވޭނެ. އަދި އެފަދަ ގޮފިތައް ހިކިގެން ދިޔައީމާ އެއްކޮށްފައި އަންދާލެވޭނެ. 7ކަލޭމެން އަހަންނާ އަދި އަހަރެންގެ ބަސްތަކާ ގުޅިފައިވާނަމަ، ކަލޭމެން ކޮންމެ ކަމަކަށް އެދި ދެންނެވިޔަސް އެކަމެއް މާތްރަސްކަލާނގެ ހިންމަވައި ދެއްވާނެ. 8ކަލޭމެން ކިބައިން ގިނަ މޭވާ އެޅުމުން ކަލޭމެންނަކީ ތެދުހިތުން އަހަރެންނަށް އީމާންވާ މީހުން ކަން އެނގޭނެ. އަދި މިކަމުގެ ސަބަބުން ބައްޕާފުޅުގެ ނަންފުޅު މަތިވެރި ވާނެ.
9އަހަރެންގެ ބައްޕާފުޅު އަހަރެން ދެކެ ލޯބިވާ ފަދައިން ހަމަ އަހަރެން ވެސް ކަލޭމެން ދެކެ ލޯބިވަން. ވީމާ އަހަރެން ކަލޭމެން ދެކެ ވާ ލޯތްބާގުޅި ލާމެހިގެން ތިބޭތި. 10އަހަރެންގެ އަމުރަށް ކިޔަމަން ވާނަމަ ކަލޭމެން ތިބޭނީ އަހަރެންގެ ލޯތްބާ ގުޅިފައި. އެއީ އަހަރެން ބައްޕާފުޅު ބަސް އެހުމުގެ ސަބަބުން އަހަރެން ބައްޕާފުޅުގެ ލޯތްބާ ގުޅިފައިވާ ފަދައިން. 11އަހަރެން މިހެން މި ބުނީ އަހަރެންގެ ކިބައިގައި މިވާ އުފާ ކަލޭމެންގެ ކިބައިގައި ވުމަށްޓަކައި. އެގޮތުން ކަލޭމެންގެ އުފާ ވެސް ފުރިހަމަ ވެގެން ދިއުމަށްޓަކައި. 12އަހަރެން އަމުރު ކުރަނީ މި ކަމަށް. އަހަރެން ކަލޭމެން ދެކެ ލޯބިވާ ފަދައިން ކަލޭމެން ވެސް އެކަކު އަނެކަކު ދެކެ ލޯބި ވޭ! 13އެންމެ މަތިވެރި ގޮތެއްގައި ރައްޓެހިން ދެކެ ލޯބިވާ މީހާ އެރަށްޓެހިންނަށްޓަކައި އަމިއްލަ ފުރާނަ ދޫކޮށްލާނެ. 14ކަލޭމެން އަހަރެންގެ ބަސްތަކަށް ކިޔަމަންވަނީ ނަމަ ކަލޭމެންނަކީ އަހަރެންގެ ރަޙުމަތްތެރިން، އަދި ގާތް މީހުން. 15ނޯކަރުންނަކަށް އެމީހުންގެ ވެރިމީހާ ކުރަން އުޅޭ ކަންތައްތަކެއް ކިޔައެއް ނުދޭނެ. އަހަރެން ކަލޭމެންނާއި މެދު މިހާރު މިދެކެނީކީ އަހަރެންގެ ނޯކަރުންގެ ގޮތަކު ނޫން. އަހަރެން ކަލޭމެންނާއި ދޭތެރޭ ކަންތައް ކުރަނީ ކަލޭމެންނަކީ އަހަރެންގެ ރައްޓެހިންގެ ގޮތުގައި. އެހެންކަމުން ބައްޕާފުޅު އެންގެވި ހުރިހާ ކަމެއް އަހަރެން ކަލޭމެންނަށް އަންގައިދިނިން.
16ކަލޭމެން އަހަރެން ޚިޔާރެއް ނުކުރޭ. ކަލޭމެން ޚިޔާރު ކުރީ އަހަރެން. އަބަދުގެ އަބަދަށް ދެމިހުންނަ ފަދަ މޭވާ ލިބޭނެ މަސައްކަތް ކުރުމަށް ކަލޭމެން ޚިޔާރު ކޮށް ފޮނުވީ އަހަރެން. އެއީ އޭރުން ކަލޭމެން އަހަރެންގެ ނަމުގައި އެދުނު ކޮންމެ ކަމެއް ވެސް އަހަރެންގެ ބައްޕާފުޅު ކަލޭމެންނަށް ފުއްދަވާ ދެއްވާނެ. 17އަހަރެން ކަލޭމެންނަށް އެކަކު އަނެކަކު ދެކެ ލޯބިވުމަށް އަމުރުކުރަން.“
ދުނިޔޭގެ މީސްތަކުން އީސާގެފާނުގެ އަސްޙާބީންނަށް ނަފުރަތުކުރާނެ
18”މި ދުނިޔޭގެ މީހުން ކަލޭމެން ދެކެ ނަފުރަތުކޮށް ރުޅިއަންނަ ހިނދު ހަނދާން ކުރޭ، އެމީހުން އެންމެފުރަތަމަ ނަފުރަތުކޮށް ރުޅިއައީ އަހަރެން ދެކެ. 19ކަލޭމެންވެސް ތީ ދުނިޔެވީ މީހުން ކަމުގައިވާނަމަ އެ މީހުން ކަލޭމެން ދެކެ ލޯބިވާނެ. އެކަމަކު މިހާރު ކަލޭމެން ތީ އެފަދަ ބައެއް ނޫން. އަހަރެން ޚިޔާރު ކުރީ ކަލޭމެން އެ ދުނިޔެއިން ބޭރަށް ނެރެލުމަށް. ކަލޭމެން ދެކެ އެމީހުން ރުޅި އަންނަނީ އެހެން ވީމާ. 20ނޯކަރަކު އެމީހެއްގެ ވެރިމީހާއަށް ވުރެ މަތިވެރިއެއް ނުވާނެއޭ އަހަރެން ކަލޭމެން ގާތު ބުނިކަން ހަނދާން އެބަ ހުރިތަ؟ އެމީހުން އަހަރެންނާމެދު ނުބައިކޮށް ކަންކުރިއިރު ކަލޭމެންނާމެދު ވެސް ނުބައިކޮށް ކަންކުރާނެއެންނު. އަހަރެންގެ ބަސްތަކަށް އެމީހުން އަމަލު ކުރާނަމަ ކަލޭމެންގެ ބަސްތަކަށް ވެސް އެމީހުން އަމަލުކުރާނެ. 21ދުނިޔޭގެ މީސްތަކުން ކަލޭމެންނަކީ އަހަރެންގެ މީހުންނަށް ވީތީ ކަލޭމެން ދެކެ ނަފުރަތުކޮށް ރުޅިއަންނާނެ. އެއީ އަހަރެން ފޮނުއްވި ފަރާތް ކަމުގައިވާ މާތްރަސްކަލާނގެ އެމީހުން ނުދަންނާތީ. 22އަހަރެން މި ދުނިޔެއަށް އައިސް އެމީހުންގާތުގައި އެވާހަކަތައް ނުދެއްކިނަމަ އެމީހުން ކުށްވެރިއެއް ނުވީސް. އެކަމަކު މިހާރު އެމީހުންގެ ފާފަތަކާ މެދު އެމީހުންނަށް ދެއްކޭނެ އުޒުރެއް ނެތް. 23އަހަރެން ދެކެ ނަފުރަތުކޮށް ރުޅިއަންނަ ކޮންމެ މީހަކު އަހަރެންގެ ބައްޕާފުޅު ދެކެވެސް ނަފުރަތުކޮށް ރުޅިއަންނާނެ. 24މި ދުނިޔޭގައި އެކަކަށް ވެސް ދެއްކިފައިނުވާވަރުގެ މާނަ ފުން މުޢުޖިޒާތްތަކެއް އަހަރެން ދައްކާފައި ނުވާނަމަ އެމީހުން ކުށްވެރިއެއް ނުކުރެވުނީސް. ނަމަވެސް އަހަރެން ކޮށްދިން ހުރިހާ ކަމެއް ދުށުމަށް ފަހުވެސް އެމީހުން އަހަރެންނާއި އަދި އަހަރެންގެ ބައްޕާފުޅަށް ވެސް ނަފުރަތުކޮށް ރުޅިއާދޭ. 25މިހެން ކަންތައް ވުމުގެ ސަބަބުން ބާވައިލެއްވުނު ފޮތްތަކުގައި ލިޔެވިގެންވީ މިބަސްފުޅުވެސް ތެދަކަށް ވެއްޖެ. އެއީ ލިޔެވިގެންވޭ. ’އެމީހުން އަހަރެންދެކެ ރުޅިއައިސް ނަފްރަތުކުރީ އެއްވެސް ސަބަބަކާއި ނުލައޭ.‘
26ބައްޕާފުޅުގެ ފަރާތުން ފޮނުއްވޭ އެހީތެރިޔާ ކަމަށް ވާ، މާތްރޫޙުފުޅު އަހަރެން ކަލޭމެންގެ ގާތަށް ފޮނުއްވާނަން. އެރޫޙުފުޅު ކަލޭމެންނަށް ތެދަކީ ކޮބައިކަން ފުރިހަމައަށް އަންގަވައިދެއްވާނެ. އެ ރޫޙުފުޅު އަހަރެންނާއި މެދު ހެކިދޭނެ. 27އަދި ކަލޭމެންވެސް އަހަރެންނާ ބެހޭގޮތުން ކަންތައް ހިނގިގޮތާމެދު ހެކިދޭން ޖެހޭނެ. އެއީ ފެށުނީއްސުރެވެސް އަހަރެން ކުރިކަންތައް ކަލޭމެންނަށް ފެނިފައިވާނެތީ.“

Notes


*15:15 15‏:15 ބަނީއިސްރާއީލު މީހުންގެ ސަޤާފަތުގައި އެދުރަކު އެމީހެއްގެ ދަރިވަރުންނަށް ނިސްބަތްކުރަނީ ނޯކަރު މިބަސްބޭނުންކޮށެވެ.

15:20 15‏:20 ”ނޯކަރަކު އެމީހެއްގެ ވެރިމީހާއަށް ވުރެ މަތިވެރިއެއް ނުވާނެއޭ“ މިއީ ބަނީއިސްރާއީލު މީހުންގެ މެދުގައި ބުނެއުޅުނު މިސާލުބަހެކެވެ.