1
ޔޫޙަންނާ ލިޔުއްވި އިންޖީލު
ތަޢާރަފު
ޔޫޙަންނާއަކީ އީސާގެފާނުގެ ޚަބަރުފުޅު ފެތުރުއްވުމަށް އެކަލޭގެފާނު ހޮއްވެވި ސަޙާބީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. ޔޫޙަންނާގެ ބައްޕަ ޒެބެދީ އަކީ މަސްވެރިއެކެވެ. މަންމައަކީ ސަލޯމީ އެވެ. އޭނާއަކީ އީސާގެފާނަށާއި ސަޙާބީންނަށް ގިނަގުނަ އެހީތަކެއްވެދީފައިވާ ބޭކަނބަލެކެވެ. އީސާގެފާނު ޔޫޙަންނާއަށް ގޮވާލެއްވީ ގޮނޑުދޮށުގައި އޭނާއާއި އޭނާގެ ކޮއްކޮ ޔާމިޒު އެމީހުންގެ ބައްޕަގެ މަސްހިފާދާ މަރާމާތުކުރަން ތިއްބައެވެ. އެކަލޭގެފާނު ގޮވާލެއްވުމާއެކު އެ ދެބޭން ބައްޕަ ދޫކޮށްލާފައި ވަގުތުން އެކަލޭގެފާނު އަރިހަށް ހިނގައްޖެއެވެ.
ޔޫޙަންނާއަކީ ހިތުގެ އަޑީންވެސް އީސާގެފާނަށް ތަބާވި ބޭކަލެކެވެ. އޭނާ އުމުރުން ދުވަސްވެ މުސްކުޅިވިއިރުވެސް އެކަލޭގެފާނާ މެދު އޮތް އިތުބާރަށް ދެގޮތެއް ނުވެއެވެ. އެ ދެބޭކަލުން އެކަކު އަނެކަކު ދެކެ ނުހަނު ލޯބިވެއެވެ.
ޔޫޙަންނާ ލިޔުއްވި ގޮތުގައި އީސާގެފާނަކީ ހަމައެކަނި ރަސޫލުބޭކަލެއް ނޫނެވެ. އެކަލޭގެފާނު މި ދުނިޔެއަށް ވަޑައިގެންނެވީ އުޑުގައިވޮޑިގެންވާ މަތިވެރި ބައްޕާފުޅު މާތްރަސްކަލާނގެ ސިފަފުޅުތައް ހާމަ ކޮށްދެއްވުމަށެވެ. އަދި އެކަލާނގެއާއި އަހަރެމެން އިންސާނުންނާއި ދެމެދު ފުރިހަމަ ގުޅުމެއް ބޭއްވޭނޭ ގޮތް އަންގަވައި ހާމަ ކޮށްދެއްވުމަށެވެ. އީސާގެފާނަކީ މާ ކުރީއްސުރެ ވެސް މާތްރަސްކަލާނގެ ހޮއްވަވައި ފޮނުއްވާނޭ ކަމަށް އަންގަވާފައިވީ އަލްމަސީޙުއެވެ. އެކަލޭގެފާނުގެ ކިބަފުޅުގައި މާތްރަސްކަލާނގެ ޒާތުފުޅުގައި ވޮޑިގެންވާ އެންމެހާ ސިފަފުޅުތަކެއް ވެއެވެ. އެކަލޭގެފާނުގެ ކިބަފުޅުގައި މާތްރަސްކަލާނގެ ސިފަފުޅުތަކާއި ނުގުޅޭ އެއްވެސް ސިފަފުޅެއް ނުވެއެވެ. އެކަލޭގެފާނުގެ ކިބަފުޅުގައި ވާ ހުރިހާ ސިފަފުޅުތަކަކީ މާތްރަސްކަލާނގެ ކިބަފުޅުގައިވާ ސިފަފުޅުތަކެވެ. އެގޮތުން އީސާގެފާނަށް މާތްރަސްކަލާނގެ ދަރިކަލުންގެ ލަޤަބު ދެއްވިފައިވެއެވެ. މި ލަޤަބުފުޅަކީ އެއްވެސް އިންސާނަކު އެކަލޭގެފާނަށް ދެއްވި ލަޤަބުފުޅެއް ނޫނެވެ. މިއީ އެކަލޭގެފާނު އުފަންވެވަޑައިގަތުމުގެ ވެސް ކުރިން މާތްރަސްކަލާނގެ އެކިރަސޫލު ބޭކަލުން މެދުވެރި ކުރައްވައި އެކަލޭގެފާނަށް ދެއްވާފައިވާ ލަޤަބުފުޅެކެވެ. އަދި މާތްރަސްކަލާނގެ ޖިބުރީލުގެފާނު މެދުވެރި ކުރައްވައި އީސާގެފާނު އުފަންވެވަޑައިގަތުމުގެ ކުރިން މަރިޔަމްގެފާނަށް ވެސް މިފަދައިން އަންގަވާފައިވެއެވެ. ”މަތިވެރި މާތްރަސްކަލާނގެ މާތްރޫޙުފުޅު ކަނބުލޭގެފާނުގެ އަރިހަށް ފޮނުއްވޭނެ. އެންމެމަތިވެރި ރަސްކަލާނގެ އަމުރުފުޅަށް އުފަންވާ މި މާތް ކަލޭގެފާނުގެ ލަޤަބުކަމުގައި ހިމެނޭނީ ’މާތްރަސްކަލާނގެ ދަރިކަލުން‘ މިލަޤަބުފުޅު.“
”މާތްރަސްކަލާނގެ ދަރިކަލުން“ މިލަޤަބުގެ އަނެއް މާނައަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވައި ޚިޔާރު ކުރެއްވި ރަސްގެފާނުއެވެ. ނުވަތަ އަލްމަސީޙު އެވެ. އީސާގެފާނަކީ މި ރަސްގެފާނެވެ. އެކަމަކު އެކަލޭގެފާނުގެ ރަސްކަމަކީ ރޫޙާނީ ރަސްކަމެކެވެ. މާތްރަސްކަލާނގެ އެކަލާނގެ ދަރިކަލުން ކަމަށް ވަޙީ ކުރައްވަނީ އެކަލާނގެއާ އެކަލޭގެފާނާ ދެމެދުގައި އޮންނަ ގާތްކަން ރަމްޒު ކޮށް ދެއްވުމަށެވެ. އޭގެ މާނައަކީ އެކަލޭގެފާނަކީ އެކަލާނގެއަށް ދުންޔަވީގޮތުން ލިބިވޮޑިގެން ވާ ދަރިކަލެކޭ އެއް ނޫނެވެ.
އީސާގެފާނު ތަފާތު ހަތް މުޢުޖިޒާތެއްގެ ވާހަކައާއި އަދި އެކަލޭގެފާނު ދެއްވި ހަތް ޚުތުބާއެއް ޔޫޙަންނާގެ ލިޔުއްވުމުގައި އެކުލެވިފައި ވެއެވެ. މި މުޢުޖިޒާތްތަކަށް ބަލާލުމުން ޔަޤީންވާ ކަމަކީ ޙަޤީޤަތުގައިވެސް އީސާގެފާނު ފޮނުއްވެވުނީ މާތްރަސްކަލާނގެ ހަޒުރަތުން ކަމެވެ. އަދި އެ ޚުތުބާތަކަށް ބަލާލުމުންވެސް އެނގެނީ އެއީ ހަމަ އަސްލުގައިވެސް މާތްރަސްކަލާނގެ އެކަލޭގެފާނަށް ދަސްކޮށްދެއްވި ބަސްފުޅުތަކެއް ކަމެވެ.
ޔޫޙަންނާ މި ލިޔުން ލިއުނު ސަބަބު ހާމަކޮށް ދެއްވަމުން ވިދާޅުވީ މީސްތަކުންނަށް އީސާގެފާނަކީ ޙަޤީޤަތުގައިވެސް މާތްރަސްކަލާނގެ ދަރިކަލުންކަން އެނގި ގަބޫލު ކުރެވުމުން އެމީހުންނަށް ނިމުންނުވާ ޙަޔާތް ލިބޭނެ ގޮތް މެދުވެރި ވާނެ ކަމަށެވެ.
މުހިންމު ބައިތައް
އިސްބަސް (1:1-18)
ޔަޙުޔާގެފާނާއި އީސާގެފާނުގެ ސަޙާބީން (1:19-51)
އީސާގެފާނުގެ އުނގަންނައި ދެއްވުމާއި މުޢުޖިޒާތްތައް (2:1—12:50)
ބައިތުލް މަޤްދިސްގެ ކާރީގައި އެންމެ ފަހުގެ ދުވަސްތައް ހޭދަކުރެއްވި ގޮތް (13:1—19:42)
އަލުން އީސާގެފާނު ދުނިޔެއަށް ވަޑައިގެންނެވުން (20:1-31)
ގަލީލީ ސަރަހައްދުގައި އަލުން ފެނިވަޑައިގަތުން (21:1-25)
ދިރުން ލިބޭ ބަސްފުޅަކީ އީސާގެފާނު
1ކާއިނާތު ވުޖޫދަށް އައުމުގެ ކުރިންވެސް ބަސްފުޅު ވޮޑިގެންވިއެވެ. ބަސްފުޅު ވޮޑިގެންވީ މާތްރަސްކަލާނގެ އާއި އެކުގައެވެ. އަދި ބަސްފުޅު އެއީ މާތްރަސްކަލާނގެއެވެ. 2ފުރަތަމަ ފެށުމުގައި ވެސް ބަސްފުޅު މާތްރަސްކަލާނގެއާއި އެކު ވޮޑިގެންވިއެވެ. 3މާތްރަސްކަލާނގެ ކާއިނާތުގައި ލެއްވި އެންމެހާ ތަކެއްޗެއްމެ އުފެއްދެވީ އެކަލޭގެފާނު، ނުވަތަ ބަސްފުޅު މެދުވެރިކުރައްވައެވެ. އެއްވެސް އެއްޗެއް އެކަލޭގެފާނާއި ނުލާ މާތްރަސްކަލާނގެ ނުހައްދަވައެވެ. 4ހުރިހާ އެއްޗަކަށް ދިރުން ލިބުނީ ބަސްފުޅުގެ ސަބަބުންނެވެ. އަދި އެންމެންނަށް އަލިކަން ލިބުނީ އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ސަބަބުންނެވެ. 5އަލިކަން އަނދިރިކަމުގެ ތެރޭގައި ވިދަމުން ދެއެވެ. އަދި އަނދިރިކަމަކަށް އެ އަލިކަމެއް ނިއްވައެއް ނުލެވުނެވެ.
6މާތްރަސްކަލާނގެ ފޮނުއްވުމުން ޔަޙުޔާގެފާނު ވަޑައިގެންނެވިއެވެ. 7މާތްރަސްކަލާނގެ ޔަޙުޔާގެފާނު ފޮނުއްވީ މި އަލިކަމާއި ބެހޭގޮތުން މީސްތަކުންނަށް އަންގައިދީ ހެކިވުމަށެވެ. އަދި އެންމެންނަށް މި އަލިކަމާމެދު އޮޅުންފިލުވާދީ އެކަން ގަބޫލުކުރުމަށް އެހީވުމަށްޓަކައެވެ. 8ޔަޙުޔާގެފާނަކީ މި އަލިކަމެއް ނޫނެވެ. އެކަލޭގެފާނު ވަޑައިގެންނެވީ މި އަލިކަމާއި ބެހޭގޮތުން މީސްތަކުންނަށް އަންގައިދިނުމަށްޓަކައެވެ. 9އެންމެންނަށް އަލިކަން ދެއްވާނެ ފަރާތްކަމަށް ވާ އަސްލު އަލިކަމުގެ ވެރިޔާ އޭރު ވަނީ ވަޑައިގަންނަވަން ކައިރިވެފައެވެ.
10ދިރުން ލިބޭ ބަސްފުޅު ދުނިޔެއަށް އައެވެ. އަދި މާތްރަސްކަލާނގެ ދުނިޔޭގައި ވާހައި އެއްޗެއް ހެއްދެވީ އެ ބަސްފުޅުން ކަމުގައި ވިޔަސް ދުނިޔެއަކަށް އެ ބަސްފުޅެއް ނޭނގެއެވެ. 11އެކަލޭގެފާނުގެ އަމިއްލަފުޅު ޤައުމަށް އެކަލޭގެފާނު ވަޑައިގެންނެވިއެވެ. ނަމަވެސް ޚުދު އެކަލޭގެފާނުގެ މީސްތަކުން ވެސް އެކަލޭގެފާނަކަށް މަރުޙަބާއެއް ނުކިއެވެ. 12ނަމަވެސް އެކަލޭގެފާނު ގަބޫލުކޮށް އީމާންވި މީހުންނަށް މާތްރަސްކަލާނގެ ދަރިން ކަމުގައި ވުމުގެ ޙައްޤު އެކަލޭގެފާނު ދެއްވިއެވެ. 13އެމީހުން އަލުން އުފަންވިއެވެ. އެހެނަސް އެއަކީ ޖިސްމާނީގޮތުން ނުވަތަ އިންސާނީ މެދުވެރިވުމަކުން އުފަންވި ބައެއް ނޫނެވެ. އެ އުފަންވުން އައީ މާތްރަސްކަލާނގެ ކިބަފުޅުންނެވެ.
14މާތްރަސްކަލާނގެ ބަސްފުޅު އިންސާނަކަށް ވިއެވެ. އަދި އެބަސްފުޅު، ނުވަތަ އެކަލޭގެފާނު އަހަރެމެންގެ ތެރޭގައި އުޅުއްވަން ވަޑައިގަތެވެ. އެކަލޭގެފާނަކީ ނިހާޔަތަށް ވަފާތެރި ހަންހާރަވެތި ބޭކަލެކެވެ. އަހަރެމެންނަށް ވަނީ އެކަލޭގެފާނުގެ ޖަލާލަތުކަން ފެނިފައެވެ. އެ ޖަލާލަތުކަމަކީ މާތްރަސްކަލާނގެ، އެކަލާނގެ ޚާއްސަ ކުރެއްވި ހަމައެކަނި ފަރާތަށް ދެއްވާ އެކަލާނގެ ޖަލާލަތު ކަމެވެ.
15އެއްވެފައި ތިބި މީހުންނަށް ގޮވައި ޔަޙުޔާގެފާނު މިކަން އިޢުލާން ކުރެއްވި އެވެ. ”އަހަރެން ބުނަމުން އައީ މިކަލޭގެފާނެއްގެ ވާހަކައެވެ. އަހަރެން ބުނިން، ’އަހަރެންގެ ފަހަތުން އަހަންނަށް ވުރެން މާ މަތިވެރި ބޭކަލަކު އެބަ ވަޑައިގަންނަވައޭ، އެބޭކަލަކީ އަހަންނަށް ވުރެ މާ ކުރީގައި ވެސް އުޅުއްވި ބޭކަލެކޭ.‘ “
16އެކަލޭގެފާނުގެ ނިމުމެއް ނުވާ ޚަޒާނާއިން އަހަރެމެން އެންމެންނަށް ނިޢުމަތަކަށް ފަހު ނިޢުމަތެއް ލިބިގެން ދިޔައެވެ. 17މާތްރަސްކަލާނގެ މޫސާގެފާނު މެދުވެރި ކުރައްވާ އެކަލާނގެ އަމުރުފުޅުތަކާއި ގަވާއިދުތައް އެންގެވިއެވެ. ނަމަވެސް އެކަލާނގެ ދެއްވާ ދެގޮތެއްވުމެއް ނުވާ، ބަދަލުވުމެއް ނުވާ ލޯބިފުޅާއި އެކަލާނގެއާއި ބެހޭ ތެދު ފާޅުވެ އެނގުނީ އީސާ އަލްމަސީޙު މެދުވެރިކޮށެވެ. 18އެކަކަށް ވެސް މާތްރަސްކަލާނގެ ފެނިފައެއް ނުވެއެވެ. އެކަމަކު މާތްރަސްކަލާނގެ ހަމައެކަނި ޚާއްސަ ކުރެއްވި ފަރާތާއި އެކަލާނގެއާ އެއީ އެއް ފަރާތެކެވެ. އެފަރާތަކީ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ހިތްޕުޅާ ގާތުގައި ވާ ފަރާތެކެވެ. އަހަރެމެންނަށް މާތްރަސްކަލާނގެ އަކީ ކޮބައިކަން ހާމަކޮށް ދެއްވަނީ މި ޚާއްސަ ފަރާތުންނެވެ.
ޔަޙުޔާގެފާނު އީސާގެފާނާއިމެދު ވިދާޅުވި ބަސްފުޅު
19ޖެރޫސަލަމުން، ބަނީއިސްރާއީލުގެ ވެރިން ޔަޙުޔާގެފާނުގެ ގާތުން އެކަލޭގެފާނަކީ ކާކުތޯ އަހައި ސުވާލު ކުރުމަށް އިމާމުންނާއި އަދި ބައިތުލް މަޤްދިސް ބަލަހައްޓާ އެހީތެރީން ފޮނުވުމުން ޔަޙުޔާގެފާނު އެމީހުންނަށް މިފަދައިން ވިދާޅުވެ އެންގެވިއެވެ. 20އެމީހުން ކުރި ހުރިހާ ސުވާލަކަށް ޔަޙުޔާގެފާނު ހެކިވެ ވަރަށް ހާމަކަމާއިއެކު ސާފު ޖަވާބުދެއްވައި ވިދާޅުވިއެވެ. ”އަހަރެން މިއަކީ އަލްމަސީޙުއެއް ނޫން.“
21ދެން އެމީހުން ބުންޏެވެ. ”އެހެންވީއިރު ކަލޭގެފާނު ތީ ކޮންބޭކަލެއްތޯ؟ ތިޔައީ ނަބީ އިލްޔާސްގެފާނު ތޯ؟“
ޔަޙުޔާގެފާނު ވިދާޅުވިއެވެ. ”ނޫން އަހަރެން މިއީ އިލްޔާސްގެފާނެއް ވެސް ނޫން.“
”ވީއިރު ތިޔައީ ފޮނުއްވޭނެ ޚާއްސަ ރަސޫލާތޯ؟“
ޔަޙުޔާގެފާނު ވިދާޅުވިއެވެ. ”ނޫން އެހެންނެއް ވެސް ނޫން.“
22ދެން އެމީހުން ބުންޏެވެ. ”ވީއިރު ތިޔައީ ކޮންބޭކަލެއްތޯ؟ އަޅުގަނޑުމެން ފޮނުއްވި މީހުންނަށް އަޅުގަނޑުމެން ސާފު ޖަވާބެއް ދޭން އެބަޖެހޭ. އެހެންވީމާ ވިދާޅުވެބައްލަވަ. ކަލޭގެފާނާއި ދޭތެރޭ ކަލޭގެފާނު ވިދާޅުވާން ބޭނުންފުޅު ވަނީ ކީކޭތޯ؟“
23ދެން ޔަޙުޔާގެފާނު ނަބީ ޔަޝަޔާޙުގެފާނު ވިދާޅުވި ބަސްފުޅުތައް ބޭނުންކުރައްވައި މިފަދައިން ބުނެ އެމީހުންނަށް ޖަވާބުދެއްވިއެވެ. ”އަހަރެން މިއީ ހަނަފަސް ސަހަރާގެތެރޭގައި، މާތްރަސްކަލާނގެއަށްޓަކައި، ސީދާ މަގެއް ތައްޔާރުކުރުމަށް ގޮވަމުން ދާ މީހާއޭ.“
24-25މިމީހުންގެ ތެރޭގައި ބައެއް ފަރީސީ މަޒުހަބުގެ މީހުން ވެސް ޔަޙުޔާގެފާނުގެ އަރިހަށް ފޮނުއްވުނެވެ. އެމީހުން ބުންޏެވެ. ”ކަލޭ ތިޔައީ އަލްމަސީޙު ކަމުގައި ނުވާ ހިނދު، އިލްޔާސްގެފާނު ކަމުގައި ނުވާ ހިނދު އަދި ފޮނުއްވޭނެ ޚާއްސަ ރަސޫލާ ކަމުގައި ނުވާހިނދު ކަލޭ މީސްތަކުން ތައުބާގެ ހިނެވުމުން ތިޔަ ހިނަވަނީ ކީއްވެ؟“
26-27ޔަޙުޔާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”އަހަރެން މީސްތަކުން މި ހިނަވަނީ ފެނުން. ނަމަވެސް އެބޭކަލަކީ ކޮބައިކަން ކަލޭމެންނަށް ނޭނގޭ ކަލޭމެންގެ ތެރޭގައިވާ ބޭކަލަކު އަހަރެންނަށް ފަހު އެބަ ވަޑައިގަންނަވާ. އަހަރެން މިއީ އެކަލޭގެފާނުގެ ދެރަ ނޯކަރަށް ވުމަށް ވެސް އެކަށީގެންވާ މީހެއް ނޫން.“
28މި ކަންތައްތައް މިފަދައިން ހިނގީ އުރުދުން ކޯރުގެ އިރުމަތީގައިވާ ބެތާނިޔާ އޭ ކިޔުނު ރަށެއްގައެވެ. އެއީ ޔަޙުޔާގެފާނު މީސްތަކުން ތައުބާގެ ހިނެވުން ހިނަވަމުން ގެންދިޔަ ތަނެވެ.
އީސާގެފާނު އެއީ މާތްރަސްކަލާނގެ ކުރެއްވި ޤުރުބާން
29ޖެހިގެން އައި ދުވަހު ޔަޙުޔާގެފާނުގެ ގާތަށް އީސާގެފާނު ވަޑައިގަންނަވާތަން އެކަލޭގެފާނަށް ފެނިވަޑައިގަތުމުން މިފަދައިން ވިދާޅުވިއެވެ. ”ނިކަން ދެކިބަލަ! އެ ވަޑައިގަންނަވަނީ މާތްރަސްކަލާނގެ އިންސާނުންގެ ފާފަތަކުގެ ބަދަލު ދެއްކުމަށް ކައްފާރާއެއްގެ ގޮތުގައި ޤުރުބާން ކުރެއްވުމަށް ފޮނުއްވި ކަންބަޅި. 30އަހަރެންނަށް ފަހު އެހެން ބޭކަލަކު ވަޑައިގަންނަވާނެޔޭ، އެބޭކަލަކީ އަހަރެންނަށް ވުރެ މާ މަތިވެރި ބޭކަލެކޭ، އަދި އެކަލޭގެފާނު އަހަރެން ދުނިޔެއަށް އައުމުގެ މާކުރިންވެސް ވެއޭ ބުނެ އަހަރެން ކަލޭމެންނަށް އެންގި ކަލޭގެފާނަކީ މިއީ. 31އަހަރެންނަށް ވެސް ކުރިއަކު އެކަލޭގެފާނެއް ނޭނގުނު. ނަމަވެސް އަހަރެން މީސްތަކުން ހިނަވަމުން މި ދިޔައީ އެކަލޭގެފާނަކީ ކޮބައިކަން ބަނީއިސްރާއީލުގެ އެންމެހާ މީސްތަކުންނަށް ހާމަކޮށް ދިނުމަށް.“
32ދެން ޔަޙުޔާގެފާނު މިފަދައިން ވިދާޅުވެ އެންގެވިއެވެ. ”މާތްރަސްކަލާނގެ މާތްރޫޙުފުޅު އުޑުން ކޮތަރެއް ފަދައިން ވަޑައިގެން އެކަލޭގެފާނުގެ ހަށިކޮޅު މަތީގައި ވަނިކޮށް އަހަރެން ދުށިން. 33އަހަރެންނަށް ވެސް އެކަލޭގެފާނު ކުރިއަކު ނޭނގޭ. ނަމަވެސް އަހަރެން މީސްތަކުން ފެނުން ތައުބާގެ ހިނެވުން ހިނަވަން ފޮނުއްވި ހިނދު މާތްރަސްކަލާނގެ އަހަރެންނަށް އެންގެވި. ’މާތްރޫޙުފުޅު މީހެއްގެ ކައިރިއަށް ވަޑައިގެން އެމީހެއްގެ މަތީގައި ވާތަން ކަލެއަށް ފެންނަ ހިނދު އެމީހަކީ ތިމަންކަލާނގެ ފޮނުއްވި ޚާއްސަ ބޭކަލަކު ކަމާއި އަދި އެބޭކަލަކީ މީސްތަކުން މާތްރޫޙުފުޅުން ހިނެވޭ، ތައުބާގެ ހިނެވުމުން، ހިނަވާނެ ކަލޭގެފާނު ކަން ދެނެގަންނާތި.‘ 34އީސާގެފާނާއި މެދު މިފަދައިން ކަންތަން ހިނގާ ދިޔަތަން އަހަރެން ދުށިން. އެހެން ކަމުން އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަގޮތެއްގައި ހޮއްވެވި ބޭކަލެއް ކަމަށް އަހަރެން ހެކިވަން.“
އީސާގެފާނުގެ އެންމެފުރަތަމަ އަސްޙާބީން
35އަނެއްދުވަހުވެސް ޔަޙުޔާގެފާނު އެކަލޭގެފާނުގެ ދެ އަސްޙާބީއަކާ އެކު އެތަނުގައި ތިއްބެވިއެވެ. 36އެދުވަހު އީސާގެފާނު އެތާނ ކައިރިން ވަޑައިގަންނަވާތަން ޔަޙުޔާގެފާނަށް ފެނިވަޑައިގަތުމުން ވިދާޅުވިއެވެ. ”ބައްލަވަ! އެ ވަޑައިގަންނަވަނީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވައި ފޮނުއްވި ކަންބަޅި.“ 37ޔަޙުޔާގެފާނުގެ އެ ދެ އަސްޙާބީންނަށް އެކަލޭގެފާނު މިހެން ވިދާޅުވި އަޑުއިވުމުން އެމީހުން އީސާގެފާނާއި އެކު އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔައެވެ.
38އީސާގެފާނު ފަހަތްޕުޅަށް ބެއްލެވި ހިނދު އެމީހުން އަންނަތަން ފެނިވަޑައިގެން އެކަލޭގެފާނު ވިދާޅުވިއެވެ. ”ކަލޭމެން ތިޔަ ހޯދަނީ ކޯންޗެއް؟“
އެމީހުން ޖަވާބުގައި ދެންނެވިއެވެ. ”އެދުރުކަލޭގެފާނު. ކަލޭގެފާނު ހުންނަވަނީ ކޮންތާނކު؟“
39އީސާގެފާނު ވިދާޅުވިއެވެ. ”ކަލޭމެންވެސް އާދޭ ބަލާލަން.“ ދެން އެމީހުން އެކަލޭގެފާނާއިއެކު އެކަލޭގެފާނު ހުންނެވި ތަނަށް ދިޔައެވެ. އޭރު ގާތްގަނޑަކަށް ހަވީރު ހަތަރެއް ޖަހަނީއެވެ. ދެން އެމީހުން އެދުވަހުގެ ބާކީ އޮތް ވަގުތު އީސާގެފާނުގެ އަރިހުގައި މަޑުކުރިއެވެ.
40ޔަޙުޔާގެފާނު އީސާގެފާނާއި މެދު ވިދާޅުވި ބަސްފުޅު އަޑުއިވިގެން އީސާގެފާނުގެ ފަހަތްޕުޅުން ވަޑައިގަތް ދެމީހުންގެ ތެރެއިން އެކަކީ ޝަމްއޫނުގެ ކޮއްކޮ އަންދުރާއި އެވެ. 41އަންދުރާއި އެތަނުން އެނބުރި ގޮސް ފުރަތަމައިން ވެސް ދިޔައީ އޭނާގެ ބޭބެ ޝަމްއޫނު ހޯދުމަށެވެ. އޭނާ ފެނުމުން އަންދުރާއި ބުންޏެވެ. ”އަހަރެމެންނަށް މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި އަލްމަސީޙު ފެނިއްޖެ.“ ގުރީކު ބަހުން އަލްމަސީޙުއަށް ކިޔެނީ ކުރިސްޓޮސް އެވެ.
42އަންދުރާއި އީސާގެފާނުގެ އަރިހަށް ޝަމްއޫނު ގެންދިޔައެވެ. އީސާގެފާނު ވަރަށް ފުން ނަޒަރަކުން ޝަމްއޫނުއާއި ދިމާއަށް ބައްލަވާލައްވާފައި ވިދާޅުވިއެވެ. ”ކަލެއަކީ ޔޫޙަންނާގެ ދަރި ޝަމްއޫނު. ނަމަވެސް މިއަދުން ފެށިގެން ކަލޭގެ ނަމަކީ ކީފާ.“ ކީފާގެ މާނައަކީ ޕަތަރަސްއެވެ.
އީސާގެފާނު ފިލިޕު އާއި ނަތާނިއެލް ހޮއްވެވުން
43އަނެއްދުވަހު އީސާގެފާނު ގަލީލީ ސަރަހައްދަށް ވަޑައިގަތުމަށް ގަސްތުކުރައްވައި ވަޑައިގެންނެވިއެވެ. އެތާނގައި އީސާގެފާނު ފިލިޕުއާއި ބައްދަލު ކުރެއްވިއެވެ. އެވަގުތު އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”އަހަރެންނާއި އެކު އާދޭ.“ 44ފިލިޕު އަކީ ބެތުސައިދާގެ މީހެކެވެ. އަންދުރާއި އާއި ޕަތަރަސް ވެސް އެއީ އެރަށު ބަޔެކެވެ.
45ފިލިޕު ގޮސް އޭނާގެ ރައްޓެއްސެއް ކަމުގައިވާ ނަތާނިއެލް ހޯދާފައި އޭނާ ގާތު ބުންޏެވެ. ”މޫސާގެފާނާއި އެހެނިހެން ވެސް ރަސޫލުންނާ ނަބީބޭކަލުން އެކަލޭގެފާނަކާއި މެދު ލިޔުއްވި ކަލޭގެފާނު އަހަރެމެންނަށް ފެނިއްޖެ. އެކަލޭގެފާނަކީ ޔޫސުފުގެ ދަރިފުޅު ނާޒަރަތު އަވަށުން ވަޑައިގެންނެވި އީސާގެފާނު.“
46ނަތާނިއެލް ބުންޏެވެ. ”ނާޒަރަތޭ. ނާޒަރަތުގައި އެއްވެސް ރަނގަޅުކަމެއް ވެދާނެހެން ކަލެއަށް ހީވޭތަ؟“
ފިލިޕު ބުންޏެވެ. ”އަޅެ އަހަންނާއި އެކު އައިސް ކަލޭވެސް ބަލާބަލަ.“
47އީސާގެފާނަށް ނަތާނިއެލް އެކަލޭގެފާނުގެ ގާތަށް އަންނަތަން ފެނިވަޑައިގަތުމުން ވިދާޅުވިއެވެ. ”އެއަންނަނީ ތެދުވެރިއެއް. އަދި އޭނާއަކީ ފުރިހަމަ ބަނީއިސްރާއީލުގެ ދަރިއެއް.“
48ނަތާނިއެލް އީސާގެފާނަށް ދެންނެވިއެވެ. ”އަޅުގަނޑު މިއީ ކާކުކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވަނީ ކިހިނަކުން؟“
އީސާގެފާނު ވިދާޅުވިއެވެ. ”ފިލިޕު ކަލޭ ހޯދަން ދިއުމުގެ ކުރިން ވައްތީނި ގަހެއްގެ ދަށުގައި ކަލޭ އިންދާ އަހަރެން ދުށިން.“
49ނަތާނިއެލް ކުއްލިއަކަށް ބުންޏެވެ. ”އެދުރުކަލޭގެފާނު ކަލޭގެފާނު ތިޔައީ މާތްރަސްކަލާނގެ ދަރިކަލުން ބަނީއިސްރާއީލުގެ ރަސްގެފާނު.“
50އީސާގެފާނު ވިދާޅުވިއެވެ. ”ކަލޭ ތިޔަ ގަބޫލުކުރީ ކަލޭ ވައްތީނިގަހެއްގެ ދަށުގައި ހުއްޓާ ދުށިމޭ އަހަރެން ބުނީތީ އެހެންވީމަތަ؟ ބަލަން ހުރޭ އަދި މިއަށް ވުރެ މާ މަތިވެރި ކަންތައްތައް ކަލެއަށް ފެންނާނެ. 51ހަމަކަށަވަރުން އުޑު ހުޅުވި މާތްރަސްކަލާނގެ މަލާއިކަތުން އިންސާނާގެ ދަރިކަލުންގެ ގާތަށް އައިސް ގޮސް ވާތަން ކަލޭމެން ދެކޭނެ.“
1:18 މާތްރަސްކަލާނގެ ހަމައެކަނި ޚާއްސަ ކުރެއްވި ފަރާތް ކަމަށް ބުނެވިފައިވާ ތަނުގައި ބައެއް ފަތްފުށްތަކުގައި ލިޔެވިފައި ވަނީ ”ދަރިކަލުން“ ނުވަތަ މި ނޫންވެސް މިފަދަ ގޮތަކަށެވެ.
1:19 ގުރީކު ފޮތްތަކުގައި ލިޔެވިފައިވާ ގޮތުގައި މި އެހީތެރީންނަކީ ލީވާއީގެ ދަރިކޮޅުގެ މީހުންނެވެ.
1:20 މިލަފްޒުގެ މާނައަކީ މާތްރަސްކަލާނގެ ކަނޑަ އަޅުއްވާފައިވާ ނޫނީ ޚާއްސަކުރައްވާފައިވާ ބޭކަލެކެވެ. ބައެއް ލަފުޒުތަކުގެ މާނައިގައިވާ ”އަލްމަސީޙު“ މި ބަސް ބައްލަވާ.
1:21 އެތައް އަހަރެއްގެ ކުރިން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރައްވާފައި ވަނީ ބަނީއިސްރާއީލުގެ މީހުންގެ ތެރެއިން ޚާއްސަ ރަސޫލުބޭކަލަކު ފޮނުއްވޭނެ ކަމުގައެވެ. އެބޭކަލަކީ އީސާ އަލްމަސީޙުއެވެ.
1:36 އެކަލޭގެފާނަކީ ފާފައިގެ ކައްފަރާއެއްގެ ގޮތުގައި ކަތިލެވޭ ކަންބަޅިއެއް ކަމުގައެވެ. ފެށުން ބާވީސްވަނަ ބާބު އަދި ނެރުއްވުން ބާރަވަނަ ބާބު ބައްލަވާ.
1:38 މިތަނުގައި ގުރީކުބަހުން ލިޔެވިފައި ވަނީ ”ރައްބި، މިބަހުގެ މާނައަކީ އެދުރުކަލޭގެފާނުއެވެ.“ މިފަދައިންނެވެ.
1:42 އަދި ޢިބްރާނީ ބަހުން ”ކީފާ“ އާއި ގުރީކު ބަހުން ”ޕަތަރަސް“ މި ދެބަހުގެ ވެސް މާނައަކީ އެއްމާނައެކެވެ. އެއީ ހިލައެވެ.
1:45 ޔޫސުފު އަކީ އީސާގެފާނުގެ އަސްލު ބައްޕަ ކަމުގައި ނުވިޔަސް މީހުން ދެކެނީ އޭނާއަކީ އެކަލޭގެފާނުގެ ބައްޕަކަމުގައެވެ.
1:51 އިންސާނާގެ ދަރިކަލުންނަކީ އީސާގެފާނަށް ދެވިފައިވާ ލަގަބުފުޅެކެވެ. އެކަން ވަނީ ކުރީގެ ފަތްފުށްތަކުގައި ވެސް ބަޔާން ކުރެވިފައެވެ. ރަދީފު ބައްލަވާ.