މޫސާގެފާނުގެ އަރިހަށް ޔަޘްރޫ
1މޫސާގެފާނުގެ ބަފާކަލޭގެ، މިދްޔާންގެ އިމާމު، ޔަޘްރޫއަށް މޫސާގެފާނަށާއި ބަނީ އިސްރާއީލީންނަށް މާތްﷲ ކޮށްދެއްވި ކަންތަކުގެ ވާހަކަ އަޑު އިވިއްޖެއެވެ. ވަކިން ޚާއްސަކޮށް މާތްރަސްކަލާނގެ އެމީހުން މިޞްރުން ނެރުއްވި ގޮތުގެ ވާހަކައެވެ.
2އޭގެ ކުރީގައި މޫސާގެފާނު ވަނީ އެކަލޭގެފާނުގެ އަނބިކަނބަލުން ސޮފޫރާ އާއި ދެ ދަރިން ޔަޘްރޫގެ ގާތަށް ފޮނުވާލައްވާފައެވެ. އެމީހުން ބަލަމުން ގެންދިޔައީ ޔަޘްރޫއެވެ.
3މޫސާގެފާނުގެ ދޮށީ ދަރިކަލުން ޖަރުޝޫމު ވިހޭ ވަގުތު އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. ”އަހަރެންނަކީ ބީރައްޓެހި ރަށެއްގައި އުޅޭ ބީރައްޓެއްސެއް.“
4ދެވަނަ ދަރިފުޅު އަލީއާޒަރުއަށް އެކަލޭގެފާނު އެނަން ދެއްވަމުން ވިދާޅުވީ ”އަހަރެންނަށް ނަސްރު ދެއްވަނީ އަހަރެންގެ ކާބަފައިންގެ އިލާހު؛ އެކަލާނގެ ވަނީ ފިރުޢައުނުގެ ކަނޑިދަށުން އަހަރެން މިންޖު ކުރައްވާފައި.“
5މޫސާގެފާނުގެ ބަފައިކަލޭގެ ޔަޘްރޫ ސަހަރާގެތެރެއަށް އައިސް މޫސާގެފާނާ ބައްދަލު ކުރިއެވެ. އޭނާއާއެކު މޫސާގެފާނުގެ އަނބިކަނބަލުންނާއި ދެދަރިކަލުން ވެސް ގެންނެވިއެވެ. އޭރު މޫސާގެފާނާއެކު އައި އެންމެން ތިބީ ﷲގެ ފަރުބަދަ ކާރީ ފޭލިގެ ޖަހައިގެންނެވެ. 6ޔަޘްރޫ މޫސާގެފާނަށް ޚަބަރު ފޮނުވިއެވެ. ”ކަލޭގެ ބަފާކަލޭގެ ތިމަން ޔަޘްރޫ، ކަލޭގެ އަންހެނުންނާއި ދެ ދަރިން ގޮވައިގެން ކަލެއާ ބައްދަލު ކުރަން އެބައަންނަން.“
7ދެން މޫސާގެފާނު ވަޑައިގެން އެކަލޭގެފާނުގެ ބަފާކަލޭގެއާ ބައްދަކުރެއްވިއެވެ. އެކަލޭގެފާނު އޭނާއަށް ކުރުނީސް ކުރައްވައި ބޮސްދެއްވައި ހެއްދެވިއެވެ. އަދި ދެބައިމީހުން އެކަކު އަނެކެއްގެ ހާލު އަހުވާލު އަހައި އޮޅުން ފިލުއްވިއެވެ. އޭގެ ފަހުން އެމީހުން މޫސާގެފާނުގެ ފޭލިގެކޮޅަށް ދިޔައެވެ. 8މޫސާގެފާނު އެކަލޭގެފާނުގެ ބަފާކަލޭގެއަށް މާތްރަސްކަލާނގެ އިސްރާއީލީންނަށްޓަކައި މިޞްރުގައި ފިރުޢައުނާ މެދު ކުރެއްވި ހުރިހާ ކަމެއްގެ ވާހަކައާއި، އަދި އިސްރާއީލީން ދަތުރުކުރެއްވި މަގުމަތީގައި ދިމާވި ހުރިހާ ދަތިއުނދަގޫތަކުން އެކަލާނގެ އެމީހުންގެ ސަލާމަތް ކުރެއްވި ގޮތުގެ ވާހަކަ ކިޔާ ދެއްވިއެވެ. 9ޔަޘްރޫއަށް މިވާހަކަތައް އިވުމުން ވަރަށް އުފާވިއެވެ. 10ޔަޘްރޫ ބުންޏެވެ. ”މާތްރަސްކަލާނގެއަށް ހަމްދުހުރި. އެހެނީ އެކަލާނގެ ކަލޭ މިޞްރު މީހުންނާއި ފިރުޢައުނުގެ އަތްދަށުން ސަލާމަތް ކޮށްދެއްވައިފި. އާނ! އެކަލާނގެ އިސްރާއީލީން މިޞްރުގެ ގަދަފަދަ އަތްދަށުން ސަލާމަތް ކޮށްދެއްވައިފި. 11މިހާރު އަހަންނަށް އެނގިއްޖެ މާތްރަސްކަލާނގެއަކީ ހުރިހާ އިލާހުންނަށް ވުރެން މަތިވެރި ކަލާނގެއެއް ކަން. އެހެނީ މިޞްރުގެ އެ ގަދަފަދަ ބޮޑާ އަނިޔާވެރި މީހުންގެ އަތްދަށުން އެކަލާނގެ އެމީހުންތައް ސަލާމަތް ކޮށްދެއްވައިފި.“
12ދެން ޔަޘްރޫ ގޮސް މާތްﷲއަށް ޤުރުބާނީ ވެދުން ކުރާނެ ތަކެތި ހިފައިގެން އަތުވެއްޖެއެވެ. ހާރޫނުގެފާނާއި އިސްރާއީލީންގެ ބޮޑުން ވެސް މާތްﷲގެ ކިބަފުޅަށް ކުރެވުނު އެ ޤުރުބާނީގެ ހަފުލާގައި ބައިވެރިވިއެވެ.
ޔަޘްރޫގެ ބުއްދިވެރި ނަސޭހަތް
13އޭގެ އަނެއް ދުވަހު މީހުން ކުރާ ޝަކުވާތައް އަޑު އެއްސެވުމަށް މޫސާގެފާނު އިންނެވިއެވެ. އެމީހުން ހެނދުނުން ފެށިގެން އިރު އޮއްސެންދެން އެކަލޭގެފާނުގެ ގާތަށް އަންނަމުން ދިޔައެވެ. 14މޫސާގެފާނުގެ ބަފައިކަލޭގެއަށް އެކަލޭގެފާނު އެކުރައްވާ ކަންތައް ފެނިގެން އެއްސެވެ. ”މިތަނުގައި ކަލޭ ތިޔަ ކުރަނީ ކޮންކަމެއްތަ؟ ކަލޭ ތިޔަ ހުރިހާ މަސައްކަތެއް އެކަނި މާ އެކަނި އިނދެ ތިޔަ ކުރަނީ ކީއްވެ؟ މިހުރިހާ މީހުން ކަލޭގެ އެހީ ހޯދަން އެތިބެނީ ހެނދުނުއްސުރެ އޮރުއޮއްސެން ދެން އައިސް ކަލޭ ކާރީގަ؟“ 15މޫސާގެފާނު ވިދާޅުވިއެވެ. ”އެމީހުން އެއަންނަނީ ﷲގެ އިރާދަފުޅަކީ ކޮބައިކަން އޮޅުން ފިލުވުމަށް. 16އެމީހުންގެ މެދުގައި ދެކޮޅުވެރިކަމެއް އުފެދޭއިރަށް އަހަރެންގެ ގާތަށް އެމީހުން އަންނާނެ. އެދެބައި މީހުންގެ ދެމެދުގައި ހިނގާ އަރައިރުން ހައްލު ކޮށްދެނީ އަހަރެން. އަހަރެން އެމީހުންނަށް އަންގައި ދެނީ ﷲ އެކަމަކާ މެދު ފަރުޟު ކުރައްވައި ޝަރުޢު ކުރައްވާ ގޮތެއް. އަދި އަހަރެން އަންގައި ދެނީ އެކަލާނގެ ދެއްވާ އިރުޝާދުތައް.“
17”ތިޔައީ އަދި ރަނގަޅު ގޮތެއް ނޫން.“ މޫސާގެފާނުގެ ބަފާކަލޭގެ ދެންނެވިއެވެ. 18”ތިޔަ ކަމުގައި އުޅުއްވައި ކަލޭގެފާނު މުޅީން އަވަދިވެދާނެ. ތިޔަ މީހުންވެސް ކިހާ ވަރުބައްޔެއް ވާނެތަ؟ މިއީ އެކަކަށް ކުރެވޭ ވަރަށް ވުރެން މާ ބުރަ ކަމެއް. 19އަހަރެން މިބުނާ އެއްޗެއް އަޑުއަހާ. އަހަރެން ކަލެއަށް ރަނގަޅު ނަސޭހަތެއް ދޭނަން. ކަލެއާއެކު މާތްﷲ ވޮޑިގެން ވާށި! ކަލޭ އެމީހުންނާ ﷲއާ ދެމެދު ވަކީލެއްގެ ގޮތުގައި ހުރޭ. އެމީހުން ގެންނަ މަސްއަލަތައް އެކަލާނގެއަށް ހުށަހަޅާ. 20އެމީހުންނަށް މާތްﷲ އަންގަވާ އެންގެވުމެއް އަންގައިދީ. އެކަލާނގެ ދެއްވާ އިރުޝާދުތައް އެމީހުންނަށް ދަސްކޮށްދީ. އެމީހުން ދިރިއުޅެންވާގޮތް އެމީހުންނަށް ކިޔައިދީ. 21އެމީހުންގެ ތެރޭން މާތްﷲއަށް ބިރުވެތިވާ ތެދުވެރި ރިޝްވަތު ނުހިފާ ބަޔަކު ޚިޔާރު ކޮށް ކޮންމެ އެއްހާސް މީހެއްގެ މައްޗަށާއި ސަތޭކަ މީހެއްގެ މައްޗަށާއި ފަންސާސް މީހެއްގެ މައްޗަށް އަދި ކޮންމެ ދިހަ މީހެއްގެ މައްޗަށް އޭގެތެރޭން މީހަކު އިސްކުރޭ. 22މީހުންގެ މެދުގައި ޖެހޭ މަސްއަލަތައް ހައްލު ކުރަން އޭގެ މީހަކު އަބަދުވެސް ހުންނަން ޖެހޭނެ. އަދި ކަލެއާ ހަމަޔަށް ގެންނަން ވާނީ ހަމައެކަނި ބޮޑެތިކަންތައް ކަމަށް އަންގާ. ކުދި ކަންތައް އެ މީހުންގެ އިސްވެރިން ހަމަ ޖައްސަފާނެ. އެމީހުން އެގޮތުން މަސައްކަތް ކުރަން ފެށުމުން ކަލޭގެ މަސައްކަތް ލުއިވެގެން ހިނގައިދާނެ. 23މިގޮތަށް ކަލޭ ކަންތައް ކުރާނަމަ، އަދި މާތްﷲ މިގޮތާ ރުހިވޮޑިގަންނަވާނަމަ ކަލެއަށް ތިޔަ ކަންތައް އޮބި އޮންނަވަރު ވެދާނެ. އަދި ތިޔަ މީހުންނަށް ހަމަޖެހިލައިގެން ގެޔަށްވެސް ދެވިދާނެ.“
24މޫސާގެފާނު އެކަލޭގެފާނުގެ ބަފާކަލޭގެ ބުނިބަސްތައް އެއްސެވިއެވެ. އަދި އެ ލަފާއާ އެއްގޮތަށް ކަންތައް ކުރެއްވިއެވެ. 25އެކަލޭގެފާނު އިސްރާއީލުގެ މީހުންގެ ތެރޭން ކަމަށް އެކަށޭނަ މީހުން ހޮއްވަވައި އެމީހުންގެ ވެރިންގެ ގޮތުގައި ހަމަ ޖައްސަވައިފިއެވެ. އެކަލޭގެފާނު އެމީހުންގެ ކޮންމެ އެއްހާސް މީހަކަށް އަދި ސަތޭކަ މީހަކަށް އަދި ފަންސާސް މީހަކަށް އަދި ދިހަ މީހަކަށް ވެރިއެއް ލެއްވިއެވެ. 26މިވެރިން އެމީހުން ބަލަހައްޓާ މީހުންގެ މެދުގައި ހިނގާ މައްސަލަތައް ހައްލު ކޮށްދީ ހަދަން އަބަދު އެމީހުންގެ ކައިރީގައި ތިބެއެވެ. އެމީހުން މޫސާގެފާނާ ހަމަޔަށް ގެންނަނީ ބޮޑެތި މައްސަލަތަކެވެ. ކުދި ކަންތައް ނިންމާލަނީ އެމީހުންނަށް ފެންނަ ގޮތަކަށެވެ.
27މިއަށް ފަހު މޫސާގެފާނުގެ ބަފާކަލޭގެ އެކަލޭގެފާނާ ވަދާޢުގެ ސަލާމް ކުރުމަށް ފަހު އެނބުރި ރަށަށް ހިނގައްޖެއެވެ.