ޝާއުލްގެފާނު ޔަބީޝް ސަހަރު އަތުލެއްވުން
1އޭގެ މަސްދުވަސް ފަހުން ޢައްމޫނީންގެ ނާޙިސްއާއި އޭނާގެ ލަޝްކަރު އައިސް އިސްރާއީލްގެ ސަހަރެއް ކަމަށް ވާ ޖިލްޢާދުގެ ޔާބީޝް ޙިސާރު ކޮށްފިއެވެ. ދެން ޔާބީޝްގެ މީހުން އައިސް ބުންޏެވެ. ”ކަލޭމެން އަހަރެމެންނާ އެއްބަސްވުމެއް ހުށަހަޅައިފި ނަމަ އަހަރެމެން ކަލޭމެންނަށް އަޅުވެތި ވާން ތައްޔާރު.“ 2ނާޙިސް ބުންޏެވެ. ”ކަލޭމެންނާ މުޢާހިދާއެއް ކުރާނެ އޮތީ އެންމެ ގޮތެއް. އެއީ ކަލޭމެން އެންމެންގެ ކަނާތު ލޯ އުފުރާލުން. އެއީ އިސްރާއީލްގެ މީހުންނަށް ވޭން ދީ ނިކަމެތި ކޮށްލުމަށްޓަކާ.“ 3ޔާބީޝްގެ ބޮޑުން ބުންޏެވެ. ”އަހަރެމެންނަށް ހަތް ދުވަހުގެ މުހުލަތެއް ދީ. އޭރުން އަހަރެމެން އިސްރާއީލުގެ ހުރިހާ ހިސާބަކަށް މި ޚަބަރު ފޮނުވާނަން. އަދި އަހަރެމެންނަށް އެހީ ވާނެ ބަޔަކު ނުވިނަމަ އަހަރެމެން އެންމެން އައިސް ކަލޭމެންނަށް އަމާން ދޭނަން.“ 4މަންދޫބުން ޝާއުލް އުޅުއްވާ ޖިބްޢާއަށް އައިސް މި ޚަބަރު އިއްވުމުން ރަށުގެ މީހުން ގަދަ އަޑުން ރޮއިގެންފިއެވެ. 5އޭރު ޝާއުލް ދަނޑުން އެނބުރި ވަޑައިގަންނަވަނީ އެވެ. އެކަލޭގެފާނު ހުންނެވީ ގެރިތަކުގެ ފަހަތުގަ އެވެ. ރަށުގެ މީހުން ރޯ އަޑު އިވިގެން އެކަލޭގެފާނު މި ވެގެން އުޅޭގޮތެއް އައްސަވައިފި އެވެ. އެމީހުން އެހުރިހާ ވާހަކައެއް އެކަލޭގެފާނަށް ދަންނަވައިފި އެވެ. 6އެވަގުތު ﷲގެ ރޫޙުފުޅު އެކަލޭގެފާނުގެ މައްޗަށް ގަދަވެގެންފި އެވެ. އެކަލޭގެފާނު ކޯފާވެ ހުޅުފަޅައިގެން ދިޔައެވެ. 7އެކަލޭގެފާނު އެތަނުން ބޮޑު ދެ ގެރި ކޮށާ ކުދިކުދި ކުރެއްވުމަށް ފަހު އެއައި މީހުންގެ އަތުގައި އިސްރާއީލްގެ ކަންކޮޅުތަކަށް ފޮނުއްވިއެވެ. އަދި އެންގެވިއެވެ. ”ޞަމޫއީލާއި ޝާއުލްއާއެކު ހަނގުރާމަ ކުރަން ނުނުކުންނަ ކޮންމެ މީހެއްގެ ގެރިތަކަށް ވެސް ވާނީ މިގޮތް.“ މާތްރަސްކަލާނގެ އެމީހުންގެ މައްޗަށް ބިރުވެރިކަން ފޮނުއްވިއެވެ. ދެން އެންމެން އެކަތިގަނޑެއްގެ ގޮތުގައި އަތުވެއްޖެއެވެ. 8ޝާއުލް ބާޒަޤަށް އެއްކުރި މީހުން ގުނިއިރު އޭގެތެރޭގައި އިސްރާއީލީންގެ ތިން ސަތޭކަ ހާސް މީހުންނާއި ޔަހޫޛާގެ ތިރީސް ހާސް މީހުން ތިއްބެވެ. 9ޝާއުލްގެފާނު ޚަބަރު ގެނައި މީހުންނަށް އެންގެވިއެވެ. ”ކަލޭމެން ގޮސް ޔާބީޝްގެ މީހުން ގާތު ބުނޭ. ’މެންދުރުވާން ވާއިރަށް ކަލޭމެން ނާޙިޝްގެ މީހުންގެ އަތްދަށުން ސަލާމަތް ވާނެއޭ.‘ “ މި ޚަބަރު ހިފައިގެން ޔާބީޝްއަށް ދިޔަ މީހުން ތިބީ އުފަލުން ފޮޅިފައެވެ. 10އެމީހުން ނާޙިސްގެ މީހުން ގާތު ބުންޏެވެ. ”އަހަރެމެން މާދަމާ ކަލޭމެންނަށް އަޅުވެތިވާން އަންނާނަން. އޭރުން ކަލޭމެން ހިތް އެދޭ ގޮތެއް އަހަރެމެންނަށް ހަދާ.“ 11އޭގެ އަނެއް ދުވަހު އިރު ނާރަނީސް ޝާއުލްގެ ލަޝްކަރު ތިން ފިރުޤާއަކަށް ބަހާލައިގެން ހަނގުރާމައަށް ނުކުތެވެ. މެންދުރުން ނުވަނީސް ޢައްމޫނީންގެ މީހުންތައް މަރައި ހަފުސް ކޮށްފިއެވެ. ދެން ތިބި މީހުންތައް ބަލިވެގެން ދުއްވައިގެންފި އެވެ. އެމީހުންގެ ލަޝްކަރު ވިއްސިވިހާލިވެ އޭގެ ދެމީހަކު އެއްތަން ނުވެވޭ ވަރު ކޮށްފިއެވެ.
ޝާއުލްގެފާނުގެ ރަސްކަން ހަރުދަނާވުން
12ދެން އިސްރާއީލުގެ މީހުން ޞަމޫއީލް ގާތު ދެންނެވިއެވެ. ”ޝާއުލް ރަސްކަމަށް ކުފޫހަމަ ނުވެޔޭ ބުނި މީހުން ކޮބައިތޯ؟ އަހަރެމެންގެ ކުރިމައްޗަށް އެމީހުން ނެރުއްވާ. އޭރުން އެމީހުންނަށް މަރުގެ ރަހަ ދައްކައިދޭނަން.“
13ޝާއުލް ވިދާޅުވިއެވެ. ”މިއަދު އެކަކުވެސް މަރައިގެން ނުވާނެ. މިއަދަކީ މާތްރަސްކަލާނގެ ބަނީއިސްރާއީލުންނަށް ނަސްރު ދެއްވި ދުވަސް.“
14ޞަމޫއީލް ވިދާޅުވިއެވެ. ”އަހަރެމެން ޖިލްޖާލަށް ދާން ހިނގާ. އެ ސަހަރުގައި ޝާއުލް އަލުން ރަސްކަމަށް އިސް ކުރާނީ.“ 15ދެން އެންމެން ޖިލްޖާލަށް ގޮސް މާތްރަސްކަލާނގެ ހަޒްރަތުގައި އެރަށުގެ ރަސްކަމަށް ޝާއުލް އިސްކޮށްފި އެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް ގުޅުން ބަދަހި ކުރާ ޤުރުބާނީ ވެދުން ހުށަހަޅައި އިސްރާއީލްގެ އެންމެންނާއި ޝާއުލް އުފާ ފާޅުކުރަމުން ގެންދިޔައެވެ.